ކުނި މެނޭޖުކުރުމަށް ޤައުމީ ޕްރޮގްރާމެއް “މަގޭ ސާފު ރާއްޖެ” ގެ ނަމުގައި ރައީސް ގެ އަނބިކަބަލުން ސާޖިދާ މުހައްމަދު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވާފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި، ތިމާވެއްޓާ ރަށްޓެހި ގޮތަށް ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމިއްލަ ފަރުދުން ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމުގެ މަގްސަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމްތަކެއް ގާއިމުކުރުމެވެ.
އަދި ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެށްޓާ ރައްޓެހިގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީކުރުމާއި، ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މިއީ ރައީސްގެ ވައުދަކަށް ވާއިރު، މި ޕްރޮގްރާމުގެ ދަށުން ނެގުމަށް ހާއްސަ 48 އުޅަނދެއް ޖަޕާނު ސަރުކާރުގެ ފަރާތުން ވަނީ ދިވެހި ސަރުކާރާވެސް ހަވާލުކޮށްދެއްވާފައެވެ.