ރާއްޖޭގެ އިގުތިސޯދު ކުރިއަރަމުންދިޔަ ނަމަވެސް ދައުލަތުގެ މާލީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ހަރަދު ކުޑަކުރުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް މިއަދު އަންގައިފިއެވެ.
މާލީ ވުޒާރާއިން މިއަދު އާންމުކުރި ސާކިއުލާއެއްގައި ވަނީ މައިގަނޑު ހަތް ދާއިރާއަކުން ހަރަދުކުޑަކުރަން އަންގައިފައެވެ. އެގޮތުން، މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމާއި ރަސްމީ ދަތުރުތައް ކުރުމާއި އިތުރު އެލަވަންސްތައް ތައާރަފުކުރުމާ ގުޅޭ އެންގުންތަކެއް ވެސް އެ ސާކިއުލާގައި ހިމަނާފައިވެއެވެ.
ފިނޭންސްގެ ސާކިއުލާގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް
- މާލީ ވުޒާރާގެ ހުއްދަ ނެތި އާ މަގާމެއް ނުއުފެއްދުން
- ހުއްދަ ނެތި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
- ބަޖެޓުގައި އޮތަސް މިހާރު ދޭން ނުފަށައި އެއްވެސް އެލަވަންސެއް ދޭން ނުފެށުން
- ވުޒާރާގެ ހުއްދަ ނެތި އެއްވެސް ޒާތެއްގެ ކުރިއެރުމެއް ނުދިނުން
- ކޮންމެހެން ކުރަންޖެހޭ ކަމަކަށް ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުވުން
މީގެއިތުރުން 35،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކޮށްގެން ދަތުރެއް ކުރާނަމަ އަދި ތަމްރީން ޕްރޮގްރާމަކަށް ނުވަތަ އޮފީހުގެ މަރާމާތަކަށްވެސް 35،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކުރާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެގުމަށްވެސް އަންގާފައިވެ އެވެ. އަދި އާ އިތުރު ސްކޮލާޝިޕް ނުދިނުމަށާއި ރާއްޖެއިން ބޭރަށް ރަސްމީ ދަތުރެއް ކުރާނަމަވެސް މިނިސްޓްރީގެ ހުއްދަ ނެގުމަށް އަންގާފައިވެއެވެ.
ހަރަދު ކުޑަކުރަން މާލީ ވުޒާރާއިން ބޮޑެތި ފިޔަވަޅުތަކެއް އެޅީއިރު، ސަރުކާރުގެ ހަރަދު ކުޑަކުރަން އަންގާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.