ހޯމް މިނިސްޓްރީގެ ރަސްމީ ވެބްސައިޓު ހެކްކޮށް، ޑައުންކޮށްލައިފިއެވެ.
ދައުރުވަމުންދާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި ހޯމް މިނިސްޓްރީގެ ވެބްސައިޓު ހެކްކުރީ އިންޑިއާ އަށް ނިސްބަތްވާ ‘އިންޑިއަން ސައިބާ ފޯސް’ ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕަކުންނެވެ. އެ ފޮޓޯގައި ވަނީ ރާއްޖެއަށް އިންޒާރު ދީފައެވެ.
މީގެކުރިން ވެސް ސަރުކާރުގެ ބައެއް ވެބްސައިޓްތައް އިންޑިއާގެ ހެކަރުން ކަމަށް ބުނެ ހެކް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖުވެނައިލް ކޯޓުގެ ވެބްސައިޓް ވެސް ހިމެނެ އެވެ.
“ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ވެބްސައިޓްވަނީ ޑައުންވެފައި, މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން، ވީމާ، މި ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީ,” ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
މިފަހުން ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފޭސްބުކް އެކައުންޓު ވެސް ހެކު ކުރި އެވެ. އެއީ ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާ ބޮޑު ވަޒީރަށް ކުޑައިމީސްކޮށް މުހާތަބު ކުރި މައްސަލާގައި އިންޑިއާގެ ހެކަރުންތަކެއް ކަމަށް ބުނާ ބަޔަކު ކުރި ކަމެކެވެ.