-Advertisement-

-Advertisement-

އަނަސްގެ މަރު: ކުށް ސާބިތު ނުވެ އެންމެން ސަލާމަތްވެއްޖެ

ފޮޓޯ؛ ޓައިމްސް އޮފް އައްޑޫ

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެ ހުކުމް މި އިއްވީ އަޑުއެހުންތައް ނިންމާލިތާ 10 މަސް ފާއިތުވި ފަހުންނެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އިރު، ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާ އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.

އަދި ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

ކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

އަނަސްގެ މަރަށް ހަތް އަހަރު ވެއްޖެއެވެ.

މައްސަލާގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ކޯޓުގެ ގާޒީ އަލީ ނަދީމް އިއްވެވި ހުކުމްގައި ވެ އެވެ. ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ ކަމަށް ވެސް ހުކުމްގައި ބުންޏެވެ.

ހެކިންނާއި ސިއްރު ހެކިވެރިންނާއި ހަބީރުންގެ ހެކިބަހުން ވެސް ކުށުގެ އަމަލު ހިންގާފައިވަނީ އެ ހަތް މީހުން ކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްގައިވެ އެވެ.

ހުކުމުގައި ބުނީ، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކޯލް ރެކޯޑާއި ތަހުގީގީ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓަށް ބުރަދަނެއް ދެވެން ނެތް ކަމަށެވެ. އެއީ އެ ރިޕޯޓްތަކަކީ ކުށް ސާބިތު ކުރަން ރިއާޔަތް ކުރެވޭނެ އެއްޗަކަށް ނުވުމާއި ކޯލް ރެކޯޑަކީ ފުލުހުން އަމިއްލަ އަށް ތައްޔާރު ކޮށްފައިވާ އެއްޗެއްކަށް ވާތީ، އެއީ ހެއްކެއް ކަމަށް ބަލައިގަނެވެން ނެތުމުން ކަމަށް ހުކުމްގައި ބުންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-