އިންޑިއާއާއި ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، “ޓްރެއިލެޓަރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ-16” ބޭއްވުމުން ދޭހަވަނީ މި ސަރުކާރުން އިންޑިއާ ސިފައިން ފޮނުވާލަން މަސައްކަތް ނުކުރުކަން ކަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވާހަކަދައްކަވައިފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ފެށި ‘އިންޑިއާ އައުޓް’ ހަރަކާތުގައި އިސްކޮށް ހުންނެވި ޔާމީންގެ ތާއިދާ އެކު ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް ރޭ ވަނީ ޖަލްސާއެއް ބާއްވައިފައެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އެ ޖަލްސާގައި ވާހަކަދެއްކެވެމުން ގައުމީ ސަލާމަތާ ގުޅުވައި، ދޯސްތީ ޕްރޮގްރާމާ ބެހޭ ގޮތުން ޔާމީން އޭނާއާ ސުވާލުކުރެއްވިއެވެ. އެގޮތުން އިންޑިއާ އިސްކޮށް އޮންނަ، ‘ދޯސްތީ’ ފަދަ ތަމްރީނެއް ހިންގާ ނަމަ އެ ގައުމުގެ ސިފައިން ރާއްޖެއިން ބާލަން އެއްބަސްވެފައިވާކަން ސަރުކާރުން ރައްޔިތުންނަށް ވިސްނައިދޭނީ ކިހިނެއްތޯ އެ މަނިކުފާނު ސުވާލުކުރެއްވިއެވެ.
ޔާމީން ވިދާޅުވީ ދޯސްތީ ހަރަކާތަކީ ދިވެހި ސިފައިންނަށް މުހިންމު ހަރަކާތެއް ކަމާމެދު ޝައްކެއް ނެތް ކަމަށާއި އެ ހަރަކާތުގެ ފެންވަރާ މެދު ވެސް ސުވާލެއް ނުއުފައްދަވާ ކަމަށެވެ. ނަމަވެސް އިންޑިއާއިން ރާއްޖޭގައި ސިފައިން ބައިތިއްބަން ބޭނުންވާ ސަބަބުތަކެއް ހުރި ކަމަށާއި އެ ގައުމުގެ ސިފައިން ރުހިގެން ފައިބާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.