މަޖިލިސް އިންތިހާބު ލަސް ކުރަން ފާސްކުރި ބިލް ތަސްދީގުނުކުރައްވާ ރައީސް ޑރ. މުއިއްޒު ބިލް އަނބުރާ މަޖިލީހަށް ފޮނުއްވއިފިއެވެ.
ރައީސް މި ބިލް މަޖިލީހަށް ފޮނުއްވާފައި ވަނީ މިއަދުއެވެ. އެއީ ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލު ފާސް ކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލު ތަސްދީގު ކުރުމަށް ރައީސް އަށް ފޮނުވަން ޖެހެއެވެ. އަދި އެ ބިލު ލިބޭތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ޖެހެއެވެ. އެ މުއްދަތު މިއަދަށް ހަމަވާނެއެވެ.
ބިލް ތަސްދީގު ނުކުރައްވާ ނަމަ، 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލް އަނބުރާ ފޮނުވާލަން ޖެހެއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ބިލް ތަސްދީގުނުކުރައްވަން ރައީސް ނިންމެވީ މައިގަނޑު ފަސް ކަމެއްގެ ސަބަބުންނެވެ. އެއީ:
-
ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ ށ. ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރީން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާކަމެއް ނިންމަން ޖެހެއެވެ. ނަމަވެސް އެ ބިލުގައިވާގޮތަށް އިންތިހާބު ބާއްވާ ނަމަ ގާނޫނުއަސާސީގައި ކަނޑައަޅާފައި އެވާ މުއްދަތުގެ ކުރިން އިންތިހާބުގެ ހުރިހާ ކަންކަން ނިމާނުލެވުމުގެ ފުރުސަތު އޮތުމުންނެވެ.
-
ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގާއުމުގެ މަސްލަހަތާ އެއްގޮތަށް ކަންކަންކުރަން ބުނެއެވެ. ނަމަވެސް އިންތިހާބުގެ ތާރީހަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިހާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތަކަށްކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަކަށް ވާތީއެވެ.
-
އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމަކީ އިންތިޚާބާމެދު އޮތް އިތުބާރު ގެއްލޭނެކަމަކަށް ވާތީއެވެ.
-
މިހާރު ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓްކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުމުންނެވެ.
-
އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ ‘ފޯކަލް ޕޮއިންޓް’ ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު އެ ފޯކަލްޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަން ފަދަ އެއްވެސް ތަފްސީލެއް ބިލުގައި ބަޔާންވެފައި ނެތުމުންނެވެ.
މަޖިލީހުގެ އިދިކޮޅު ފަރާތްތަކުން ބުނަނީ އެ ބިލް ރައީސް ތަސްދީގު ކުރަން ބޭނުންނުވަނީ އިންތިހާބު ފަސްކުރުމަކީ ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ސިޔާސީ ގޮތުން ގެއްލުމަކަށް ވާނެތީ ކަމަށެވެ.