-Advertisement-

-Advertisement-

ޗާގޯސް މައްސަލަ: ގެއްލުނު ކަނޑުގެ ބައި ހޯދަން ދަތިތަކެއް އެބަ ހުރި

ބަންޑާރަ ނައިބު އަހުމަދު އުޝާމް

މިދިޔަ ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން ގެއްލުނު ކަނޑުގެ ބައި ހޯދަން ގޮންޖެހުންތައް ބޮޑު ކަމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.

އޭޖީއިން އެފަދައިން ބުނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ޗާގޯސްއާ ފުށުއަރާކަމަށްބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި ރާއްޖޭގެ އީއީޒެޑްގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުން ދިރާސާކޮށް، ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި އެ އޮފީހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން މިސަރުކާރުން ކަނޑައަޅާފައިވަނީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރެވެ. މީގެއިތުރުން ދެން ނހިމެނެނީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެކެވެ.

ބަންޑާރަނައިބް އޮފީހުން ބުނީ މައްސަލަ ފާހަގަކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ ޖޫން 18، 2019 ގައި މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާއެކު މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.

އޭޖޭއިން ބުނީ އެ މައްސަލައިގައި މިދިޔަ ސަރުކާރުން ނަގާފައިވާ ދިފާއުތަކުގެ ސަބަބުންނާއި އެ މައްސަލައިގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އިޓްލޮސްގެ ނިންމުން ބަދަލުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމުގައިވީނަމަވެސް އެ މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު ރިއާޔަތްކުރި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަގްވާމީ ޤާނޫނުގެ ދަށުން އެއަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއްކަމުގައި ނުވާ ކަމަށެވެ.

މީގެއިތުރުން ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމުގައި ނުވާތީއާއި، އެޑްވައިޒަރީ އޮޕީނިއަންގެ މައްޗަށާއި އދގެ ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަންގެ މައްޗަށް ބިނާކޮށް، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް ބަލައި އިޓްލޮސްގައި މައްސަލަ ކުރިއަށް ގެންގޮސް، ސިޔާދަތީ ބާރުގެ މިލްކުވެރިކަމާ މެދު ހިލާފު އުފެދިފައިވާ ސަރަހައްދެއްގެ ކަނޑުގެ ބައެއް އެއީ މޮރިޝަސްއަށް ލިބިގެންވާ ތަނެއް ކަމަށް އިޓްލޮސްއިން ނިންމި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ.

އެ މައްސަލަ ކުރިއަށްގެންދިއުމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށްވެސް އޭޖީ އިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-