ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވުމުގެ މަސައްކަތް ކުރަމުންދާ ޕީއެންއެފް އުފައްދުމަށް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން މުއްދަތު ހަމަވާން ދެ ދުވަހަށް ވެފައިވަނިކޮށް މިއަދު 3000 ފޯމު ހުށަހަޅައިފިއެވެ.
ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.
އެކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޕީޕަލްސް ޕީއެންއެފް ގެ ފަރާތުން ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުުރާ މުއްދަތުގައި 3060 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އީސީއިން އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އަދި މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްހަކަން ކަށަވަރުވުމުން ލަހެއް ނުވެ ޕީއެންއެފް އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީއިން ޒެއިން އަބްދުﷲ ޔާމީން އަށް އަރުވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
މިޕާޓިގައި މުއައްސިސްގެ ގޮތުގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން 8 ބޭފުޅުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެއީ:
- ޑރ. މުހައްމަދު ޖަމީލު އަހުމަދު
- ކުރީގެ ސީޕީ ހުސައިން ވަހީދު
- މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ
- އަދްލީ އިސްމާއީލް
- ޑރ. ޖިހާދު ހަސަން
- ކަކާގޭ އަލީ އާދަމް
- ޔާމީންގެ ދަރިކަލުން ޒެއިންއެވެ.