މާލޭގެ ފިހާރައެއްގައި ރޭ މެންދަމު އަލިފާން ރޯވެފައި ހުއްޓާ ބަޔަކު ރިޕޯޓުކުރުމުން، އެމްއެންޑީއެފުން ގޮސް އެ އަލިފާން ނިއްވާލައިފި އެވެ.
އެމްއެންޑީއެފްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މ.ކޯޒީ ލޮޖްގެ ގުރައުންޑް ފުލޯގައި ހުރި ކައިޓިއަ ފިހާރައިން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ ރޭ 3:28 ގައި ކަމަށާއި، އެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ދިޔަ ކަމަށެވެ.
އެ ފިހާރަ ތަޅުލާފައި ހުރުމުން ފަޔާ އެންޑް ރެސްކިއު ޓީމުން އެ ތަނަށް ވަދެފައިވަނީ ބިއްލޫރިގަނޑު ތަޅައިލުމަށް ފަހު އެވެ. ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލެވުނީ 4:15 ހާއިރު އެވެ.
މި ހާދިސާގައި ފިހާރައިގައި ހުރި ބައެއް މުދަލަށް ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ނަމަވެސް ފިހާރަ ބަންދުކޮށްފައި ހުރި ވަގުތަކަށް ވުމާއެކު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.