ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކައިބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިލުމުން، އެ ބިލު އޮތް ގޮތަށް ދެވަނަ ފަހަރަށް މިއަދު ފާސްކޮށްފިއެވެ.
ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބާއްވާ ގޮތަށް ގާނޫނު އިސްލާހުކޮށް، އެ ބިލު ތަސްދީގުކުރަން ރައީސް އޮފީހަށް މި މަހު 12 ގައި ފޮނުވި ނަމަވެސް، މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވާލައިފައެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ އެ ބިލު އޮތް ގޮތަށް އަލުން ފާސްކޮށްފައެވެ.
އެ ބިލު އަލުން އޮތް ގޮތަށް ފާސްކުރަން މިއަދު ވޯޓަށް އެހުމުން އެ ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރެއިން 47 މެންބަރުން ވަނީ ބިލަށް ވޯޓު ދެއްވައިފައެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ 14 މެންބަރުންނެވެ. މަޖިލީހުގެ ޖުމުލަ 87 މެންބަރުން ކަމުގައި ގުނި ނަމަވެސް 43 މެންބަރުންގެ ވޯޓުން އަޣުލަބިއްޔަތު ލިބޭނެއެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން، ރައީސް ތަސްދީގުނުކޮށް ބިލު އަނބުރާ ފޮނުވައިލި ނަމަވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމުގެ ފުރުސަތު މަޖިލީހަށް ލިބިދެއެވެ. އަދި، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްކޮށްފި ނަމަ، އެ ބިލެއް ތަސްދީގުކުރަން ޖެހޭނެއެވެ.
ބިލުގައި ބުނާ ގޮތުން އިންތިޚާބުތައް ބޭއްވޭނީ ރޯދަ މަސް ނިމި، 10 ދުވަސް ފަހުންނެވެ.
އެހެންކަމުން، އެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމާ އެކު ބިލު ތަސްދީގުކުރަން މަޖުބޫރުވާނެއެވެ.