ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް އޮތް ބިލު ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމާއެކު، ދުސްތޫރީ ހަމަތަކުގެ މަތިން ގާނޫނުގައިވާ ގޮތަށް ރައީސް އަމަލުކުރައްވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިދިޔަ ހޯމަދުވަހު މަޖިލިސް އިންތިހާބު ރޯދަ މަސް ތެރޭ ނުބާއްވައި، އެ މަސް ނިމިގެން 10 ދުވަސް ފަހުން އެ އިންތިހާބު ބޭއްވުމަށް މަޖިލީހުން މި މަހު 11 ވަނަ ދުވަހު ފޮނުވި ބިލު ތަސްދީގުނުކުރާއްވައި ރައީސް އަނބުރާ މަޖިލީހަށް ވަނީ ފޮނުއްވާފައެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، ގާނޫނުގައިވާ ގޮތަށް ރައީސް އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް ތަސްދީގުކުރައްވާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ.
ރައީސް މުއިއްޒު މިވަގުތު ދަނީ އުތުރުގެ ރަށްތަކަށް ދަތުރުފުޅު ކުރައްވަމުންނެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ނ. ހޮޅުދޫގައި ބާއްވަމުންދާ ޖަލްސާއެއްގަ އެވެ. މިހާތަނަށް، ބިލް ތަސްދީގު ކުރެއްވުމާ ގުޅޭ ގޮތުން ރައީސް ވަކި ހާއްސަ އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ގާނޫނުގައި ވާގޮތުން ދެވަނަ ފަހަރަށް ބިލު މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ، ރައީސް އެ ބިލު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަން ޖެހެއެވެ.