ހއ. ބާރަށުގައި ބޮޑު ތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހުގައި ހުޅު ޖަހައި، ރޯކޮށްލި މައްސަލަގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީ އިން މިއަދު ބުނެފިއެވެ.
އެ ގަހުގައި ރޯކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައިކަމަށް އެ މިނިސްޓްރީނެ ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. މި ގަހަކީ 400 އެއްހާ އަހަރު ކުރިން ބޮޑުތަކުރުފާނު އިންދެވި ކަމަށް ބުނާ ގަހެކެވެ.
މިކަން ކުރި ބަޔަކު ހޯދުމަށްޓަކައި ބާރަށު ކައުންސިލާއި ފުލުހުންނާ ގުޅިގެން މަސައްކަތްކުރަމުން ދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެ މިނިސްޓްރީއިން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ދިވެހިންގެ ތާރީހާއި ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަމާނާތެއްކަމަށާއި މި ތަރިކަ ރައްކާތެރި ކަމާއެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއްކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ބޮޑު ތަކުރުފާނަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ބަތަލެވެ ބޮޑުތަކުރުފާނު ރާއްޖޭގެ ރަސްކަން ކުރައްވާފައިވަނީ މީލާދީން 1573 އިން 1585 އަށެވެ.