ޅ. ކުރެންދޫގެ ބައެއްގެ ގޮތުގައި އެރަށާ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ޅޮސްއަލަފުށި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރެންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުރެންދޫގައި 2000 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ނަމަވެސް ރަށުގެ ބިން މިހާރު ހުސްވެފައިވާ ކަމަށާއި، ރަށުގެ ތަރައްގީއަށް ބޭނުންވާ ވަރަށް އެރަށުގެ ފަޅުތެރޭގައި ޖާގަ ނެތް ކަމަށާއި މިހާރު ކުރިއަށްދާ 50 ހައުސިން ޔުނިޓުން ނުފުދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރަށްރަށުގެ އިގުތިސޯދީ ކުރިއެރުމަށް ކައުންސިލްތަކަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ރަށާއި ކައިރިން ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށް ފަހިކޮށްދެމުންދާ ކަމަށެވެ.
“އެހެންވީމަ އަޅުގަނޑު ކައުންސިލް ބައްދަލުވުމުގައި ދެންނެވި ގޮތަށް އެހުރިހާ އެގްރީމެންޓްތަކުން އެރަށް ވަކިކޮށް އޮންނަ އުސޫލުތަކުގެ ތެރެއިން ދައުލަތަށްވެސް އެންމެ ފައިދާވާ ގޮތަށް އެކަންކޮށް މިރަށުގެ ރައްޔިތުންގެ އާންމު މަސްލަހަތާއި މި ދާއިރާގެ ތަރައްގީގެ އާންމު މަސްލަހަތަށް ތިބޭފުޅުންގެ ކުރިމަގަށްޓަކައި ދަރީންގެ ދަރީންގެ މުސްތަގުބަލަށްތަކައި އެރަށް ވަކިކޮށް ސަލާމަތްކޮށް، ޅޮސްއަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އަޅުގަނޑަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން،”
މީގެ އިތުރުން ރައީސް ވިދާޅުވީ އެރަށުގެ ސްކޫލުގެ ތަރައްގީއަށް މިހާރު ކުރިއަށްގެންދާ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާނެ ކަމަށާއި އިތުރު ވަސީލަތްތައްވެސް ގާއިމުކޮށްދެއްވާނެ ކަމަށެވެ.