ހުއްދަ ނެތި އަކުރު ޓައިޕްގެ ފޮންޓުތައް ބޭނުންކުރަމުން ދާތީ އެކަން ކުއްވެރިކޮށް އަކުރު ޓައިޕްއިން މިއަދު ބަޔާނެއް ނެރެފިއެވެ.
އަކުރު ޓައިޕްއިން ނެރުނު ނޫސް ބަޔާނެއްގައިވަނީ އަކުރު ޓައިޕް ޕްލެޓްފޯމަކީ ދިވެހިރައްޖޭގެ ހުނަރުވެރިންނަށް އެމީހުންގެ ހުނަރު ދައްކާ, އިސްތިހާރުކޮށް, އެ ފޮންޓުތަކުން އާމްދަނީއެއް ހޯދޭނެ މަގުފަހި ކުރުމަށްޓަކައި ގާއިމް ކުރެވިފައިވާ ޕްލެޓްފޯމެއް ކަމަށެވެ. އަދި ދިވެހި ބަހާއި އަދަބިއްޔާތު މުއްސަދިކުރުމަށް އުފެއްދި ޕްލެޓްފޯމެއް ކަމަށެވެ.
އަކުރު ޓައިޕް މާކެޓްޕްލޭސް ލޯންޗްކުރިތާ 2 ހަފްތާވި އިރުގައި މިހާރު އަކުރު ޓައިޕްގައިވާ ބައެއް ފޮންޓުތައް އެ ފޮންޓުތަކުގެ ވެރިފަރާތުގެ ހުއްދަ ނެތި ގަވާއިދާ ހިލާފަށް އުފައްދައި އަލުން ބޭނުންކުރަމުން އަންނަކަމަށްވަނީ ތުހުމަތްކޮށްފައިއެވެ. މީގެ ތެރޭގައި 2024 ވަނަ އަހަރުގެ މަޖިލީސް އިންތިހާބަށް ކުރިމަތިލައްވާ ބައެއް ކެންޑިޑޭޓުން ވެސް ހިމެނޭކަމަށްވަނީ ބެނެފައިއެވެ. މިގޮތަށް ބޭނުން ކުރާ ފަރާތްތަކާ ސީދާ ވާހަކަދައްކައި ގަވާއިދާ ހިލާފަށް ފޮންޓުތައް ބޭނުންކުރުން ހުއްޓާލައި ނުވަތަ އަކުރު ޓައިޕްގެ ފޮންޓުތައް ގަންނަން ހުރި އަގުގައި ގަނެ ބޭނުން ކުރުމަށްވަނީ އިލްތިމާސްކޮއްފައިއެވެ. ނަމަވެސް 90 އިންސްތަ ފަރާތްތަކުން ޖަވާބު ދީފައި ނުވާކަން ވަނީ ފާހަގަ ކޮއްފައިއެވެ.
ނަހަމު ގޮތުގައި މިކަހަލަ ޕްލެޓްފޯމެއެއްގެ ޕްރޮޑަކްޓްތައް ބޭނުންކުރުމުން ހުނަރުވެރިންގެ މަސައްކަތުގެ އަގު ގެއްލި, މި ކަހަލަ މަސައްކަތް ކުރުމުގެ ރޫހު ގެއްލިދާކަމަށާއި, މި ފޮންޓުތަކަކީ ބައެއް ހުނަރުވެރިންގެ އަހަރުތަކެއްގެ މަސައްކަތް ކަމުގައިވެސް ބަޔާނުގައި ވަނީ ފާހަގަކޮއްފައިއެވެ.
އަކުރު ޓައިޕްއިން ވަނީ ހުނަރުވެރިންގެ މަސައްކަތަށް ހުރިހާ ފަރާތްތަކުން ވެސް އިހްތިރާމްކޮށް އެ ޕްލެޓްފޯމްގެ ބޭނުން ނުގަވާއިދުން ނުކުރުމަށް އިލްތިމާސްކޮށްފައިއެވެ.
ފާއިތުވި 2 ހަފަތާގައި ވެސް ބޮޑު ތަރުހީބެއް އަކުރު ޓައިޕްއަށް ލިބިފައިވާކަމަށާއި, އެގޮތުން މިހާތަނަށް 3000 ފޮންޓް ޑައުންލޯޑް ކޮއްފައިވާ އިރުގައި ޕްރިމިއަމް 10 ފޮންޓެއް ވަނީ ޕްލެޓްފޯމްގެ ތެރެއިން ގަނެފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
2 weeks into launching the first Dhivehi Fonts marketplace, we face unauthorized replication by #Majilis24 candidates.
— Akuru Type (@akurutype) March 9, 2024
We plead to halt this misuse & support local creatives. 📢 pic.twitter.com/o11tS2dhGR