ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދު، ވައިޖެހޭގެ، ގއ. ވިލިނގިލި އަލުން އެ މަގާމަށް އައްޔަންކުރައްވަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިފިއެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ މެންބަރުންގެ ތެރެއިން މަގާމުގެ ޝަރުތު ހަމަވާ މެންބަރުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ތަރުތީބުން މިއަދު ވަނީ މަޖިލީހަށް ނަންތައް ފޮނުއްވައިފައެވެ. އެގޮތުން، ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަން ފޮނުއްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޔަޒީދުގެ އިތުރުން، އޭރު ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި ހުޅުމާލެ ފްލެޓް ނަންބަރު ސީ1-3ބީ ، ހަސަން ޒަރީރެވެ.
މަގާމަށް ރައީސް މުއިއްޒު މިއަދު ފޮނުއްވި ނަންތައް ދިރާސާކުރަން މިހާރު ވަނީ އިގުތިސާދީ ކޮމިޓީއަށް ފޮނުވައިފައެވެ.
ގާނޫނު ބުނާ ގޮތުން ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަނީ ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ރުހުން ލިބޭ ނަމެކެވެ