އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު ޓާމް ޝީޓެއްގައި ސޮއިކޮށްފިއެވެ.
ބޮޑެތި ބޯޓުތަކަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝިމާދު އިބްރާހީމެވެ. އަދި ވިޓޯލް ގުރޫޕުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގްއެވެ.
އެ ރަސްމިއްޔާތުގައި ޝިމާދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި މި މަޝްރޫއު ފެށުމަށްޓަކައި ހަވާލު ކުރި ކުންފުނި ކަމަށްވާ ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގެ ދާއިރާއިން މިހާރު ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށާއި މި މަޝްރޫގެ ސަބަބުން އިގްތިސާދީ ގޮތުން އެތަކެއް ނަފާއެއް ލިބޭނެ ކަމަށެވެ.
އެގޮތުން ގައުމަށް ލިބޭ ބޭރު ފައިސާ އިތުރުވެ، ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް މި ޕްރޮޖެކްޓުގެ ސަބަބުން އިތުރުވާނެ ކަމަށާއި، ޒީފާގެ ފުރުސަތުތަށްވެސް އިތުރުވާނެ ކަން ޝިމާދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިންވެސް ބައިވެރިވެވަޑައިގަތެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޓޫރިޒަމަކީ ޓެސްޓުކޮށް، ފުރިހަމަވެފައިވާ ސިނާއަތެއް ކަމަށެވެ. އަދި ބަންކަރިންއަކީ ރާއްޖެއަށް މުޅިން އާ ކަމަކަށް ވި ނަމަވެސް، ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނިން ރާއްެޖެއަށް އެކަމުގައި ދިން ޔަގީންކަމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށްވެސް ވިދާޅުވިއެވެ.