ބޮޑެތި ކުށްތަކަކަށް އަރިގަތުމާއި އެފަދަ އަމަލުތަކަށް ހިއްވަރުދީ ހިންގަމުންދިޔަ ޓެލެގްރާމް ގުރޫޕްތަކެއް ސީޒްކޮށް އެގުރޫޕް ހިންގާ ކަމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮއްފިއެވެ.
މިދިޔަ އަހަރު އޭޕްރީލް މަހުން ފެށިގެން ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ އެސްކޯޓް ގެލަރީ، ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ހަބަރުގެ ނަމުގައި ހިންގަމުންދާ ޓެލެގްރާމް ގްރޫޕްތަކުގެ މައްސަލައިގައި ހައްޔާރު ކޮއްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ހައްޔަރު ކޮއްފައިވާ 2 މީހުންގެ މައްޗަށް މަނީލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލާގައި ފުލުހުންގެ ސައިބާ ޕޮލިސިން ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަލައި ފާސްކޮށް މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެތަކެތީގެ ފޮރެންސިކް ތަހުލީލެއްކޮށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހައްޔަރު ކުރި މީހުން ކޯޓަށް ހާޒިރުކޮށް 5 ދުވަސް ބައްދަށް ޖަހާފައިވެއެވެ. އަދި އެ މުއްދަތު ހަމަވުމުން މިއަދު ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މިހާރު ވަނީ މިހުރިހާ ގުރޫޕްތަކެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިއެވެ.