ރޯދައިގެ ސަބަބުން ﷲ ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްވާ ކަމަށާއި، ރޯދައަކީ، އިންސާނާގެ ނަފުސު ހެޔޮކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ކުރު ހުތުބާގައި ބުނީ ރޯދަ އަކީ ހުރިހާ މާނައެއްގައި ލިބޭ ރައްކާތެރިކަމެއް ކަމަށެވެ. ރޯދަ ފަރުޟުކުރެއްވުމުގެ ހިކުމަތާއި، އޭގެ ފައިދާ ހާސިލްކުރެވޭނީ ﷲ އެންގެވި ގޮތަށް ރޯދަ ހިފައިގެން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހަމައެހެންމެ ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަަތަށް ތަބަޢަވާން ޖެހޭކަން ހަނދުމަކޮށްދީފައިވެއެވެ.
ރޯދަ އަށް ހުންނަ އިރު އިހުސާސްވާ ކަރުހިއްކުމާއި ބަޑުހައިހޫނުކަމުގެ ސަބަބުން މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަގީރުންނާއި މިސްކީނުންގެ އިހުސާސް ދެނެގަނެވޭ ކަމަށާއި އެމީހުންނަށް އެހީވުމަށް ނަފްސު އެދި ގޮވާނެ ކަަމަށް ވަނީ ބުނެފައެވެ. އަދި ރޯދައިން ރޯދަވެރިޔާގެ ނަފްސު ތާހިރުކޮށް ޒީނަތްތެރި ކޮށްދޭ ކަމަށް ވަނީ ބުނެފައެވެ.
“ވަރަށް ގިނަފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުންނެވެ. ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގާ، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަނެއެވެ” – ހުތުބާ
ހުތުބާގައި އިތުރަށް ބުނެފައި ވަނީ ރޯދަ އަކީ ރޯދަވެރިޔާ އާއި އޭނާގެ ވެރި ރަސްކަލާނގެ އާއި މެދުގައިވާ ސިއްރެއް ކަމަށެވެ. ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ މާތް ﷲގެ ރުއްސެވުން ހޯދުމަށްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އިހުލާސްތެރިކަމާއެކު ރޯދަ ހިފުމަށާއި އަޅުކަންތައް އަދާކުރުމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.