ވައިގެ ބާރު ތާރަފުކުރުމާއެކު ހަތުރުންނާއި މިތުރުން ސިއްސުވާލެވިއްޖެ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އަސްކަރީ ޑްރޯން އިފްތީތާހު ކުރުމަށް ރޭ މާފަރު އިނިްޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އައްސާން ވިދާޅުވީ ހަނގުރާމަތައް ކުރެވޭ ގޮތްތައް މިހާރު ބަދަލުވެފައިވާ ކަމަށާ އެގޮތުން މިހާރު ހަނގުރާމަތައް ޓެކްނޮލޮޖީއަށް ބަރޯސާވާއިރު، ހަނގުރާމަ ކުރަނީ ލަަޝްކަރީންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުން ކުޑަކުރެވޭ ގޮތްތަކަށް ކަމަށެވެ.
“މިއީ ދުނިޔޭގައި މިހާރު ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުން ކުރާ ސޮފިސްޓިކޭޓެޑް ޓެކްނޮލޮޖީ ޕްލެޓްފޯމެއް. ހަމަ އޭގެ އިތުރުން ސާވައިލެންސް އާއި ސާޗް އެންޑް ރެސްކިއުއަށް ފޯކަސް ކުރާ އިރެއްގައިވިޔަސް، ދިމާވާ ހާލަތަކުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ޑިފެންސިވް މެނޫވާސް ނެގޭނެ އަލިފާނުގެ ބާރު ހުރި ހަތިޔާރެއް،” ގައްސާން
މިއަދު އިފްތިތާހު ކުރި އެމްއެންޑިއެފްގެ ވައިގެ ބާރުން ދިވެހިންނަށް ފޯރު ކޮށްދޭންޖެހޭ ހިދުމަތްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ ކަން ފާހަގަ ކުރައްވައި ގައްސާން ވިދާޅުވީ ހަނގުރާމައިގެ އޮއިވަރު ދުނިޔޭގައި ބަދަލުވަމުން އައިސް މިހާރު އެއް ގައުމުން އަނެއް ގައުމު ފަތަހަ ކުރުން ވަނީ މަދުވެފައި ކަމަށެވެ. އޭގެ ބަދަލުގައި މިއަދު ބާރުގަދަ ގައުމުތަކުން މަސައްކަތް ކުރަނީ އެހެން ގައުމުތަކުގެ ސިޔާދަތާއި އިސްތިގުލާލަށް ނުފޫޒު ފޯރުވުމަށް ކަމަށް ގައްސާން ވިދާޅުވިއެވެ.
ގައްސާން އިތުރަށް ވިދާޅުވީ މިހާރު ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ދައުރު އޮތީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ އިސްތިގުލާލު އޭގެ އާރާއި ބާރު ދޭހަވާ ގޮތަށްކަމަށެވެ.