ކަރާ އަކީ ހަމައެކަނި ކެއުމަށް މީރު އަދި ތާޒާކަން ގެނެސްދޭ މޭވާއެއް ނޫނެވެ، ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް ވެސް ލިބިގެންދާ މޭވާއެކެވެ. ކަރާ އަކީ އޭގައި ކަރުހިއްކުން ފިލުވައިދޭ މާއްދާތަކާއި ތަފާތު ވިޓަމިން އެކުލެވޭ އެއްޗެކެވެ. މިއީ ގިނަބަޔަކަށް އިނގޭ ކަމެކެވެ. އެހެން ނަމަވެސް ގިނަބަޔަކަށް ނޭގޭ ކަމަކީ މި މޭވާއަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ހެޔޮ އަސަރުތަކެއް ކުރާ މޭވާއެއްކަމެވެ. މިފައިދާތަކަކި ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.
މޫޑް ރަނގަޅުކޮށްދިނުން
ކަރާ އަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ބީ6 ހިމެނޭ މޭވާއެކެވެ. މިއީ މޫޑު ރެގިއުލޭޓް ކުރާ ނިއުރޯޓްރާންސްމިޓަރެއް ކަމަށްވާ ސެރޮޓޮނިން އުފެއްދުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ސިކުނޑީގައި އެކަށީގެންވާ މިންވަރަކަށް ސެރޮޓޮނިން ހުރުމުން އުފާވެރިކަމުގެ އިހުސާސްތައް އިތުރުވެ، ޑިޕްރެޝަން އާއި ހާސްކަމުގެ އަލާމާތްތައް ކުޑަކުރުވާދެއެވެ.
ސްޓްރެސް ފިލުވައި ދިނުން
ކަރާގައި ހިމެނޭ މެގްނީޒިއަމް ގެ މާއްދާއަކީ އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސްޓްރެސް ހޯރމޯންތައް ރެގިއުލޭޓް ކޮށް ހަށިގަނޑުގެ މަސްތައް ‘ރިލޭކްސް’ ކުރުމުގައި މުހިންމު ދައުރެއް އަދަކުރާ އެއްޗެކެވެ. ކަރާ ބޭނުންކުރުމަކީ ސްޓްރެސްއާ ދެކޮޅަށް މަސައްކަތްކޮށް، ނަފްސާނީ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށްދޭ ކަމެކެވެ.
އެންޓިއޮކްސިޑެންޓް ޕްރޮޓެކްޝަން
ކަރާ އަކީ ލައިކޯޕީން އަދި ވިޓަމިން ސީ ފަދަ އެންޓިއޮކްސިޑެންޓްސް އިން ފުރިފައިވާ އެއްޗެކެވެ. މި އެންޓިއޮކްސިޑެންޓްސް އަކީ ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްސް ގެ ސަބަބުން އޮކްސިޑޭޓިވް ސްޓްރެސް އާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އޮކްސިޑޭޓިވް ސްޓްރެސްގެ މިންވަރު މަތިވުމަކީ ޑިޕްރެޝަން އާއި ހާސްކަން ފަދަ ނަފްސާނީ ސިއްހަތުގެ އުދަނގޫތަކާ ގުޅުން ހުރި ކަމެއް ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. ގަވާއިދުން ކަރާ ބޭނުންކުރުމަކީ އެންޓިއޮކްސިޑެންޓް ‘ޕްރޮޓެކްޝަން’ ލިބި، ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ކަމެކެވެ.
ކަރާއަކީ ދިވެހިންނާ ރައްޓެހި އަދި ފަސޭހައިން ލިބެންހުންނަ މޭވާއެކެވެ. އަދި މިއީ ރަމަޟާންމަހު ގިނަ ގޭގޭގެ ބަދިގޭ ސުފުރާމަތިން ނުފެނި ނުދާނެ މޭވާއެކެވެ. މިއީ ހަށިގަނޑަށް އެހާމެފައިދާހުރި މޭވާއަކަށްވާއިރު، ރަމަޟާން މަސް ނޫން މަސްމަހުގައި ވެސް ކޮންމެ ދުވަހަކު ކެއުމުގައި ބޭނުން ކުރަން މުހިންމު އެއްޗެކެވެ.