ބާޒާރުގައި ތަކެތީގެ އަގު ދަށަށް ގޮސްފައިވާކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.
މާރުކޭޓު ގޮޅިއަކުން ވިޔަފާރިވެރިއަކު މައުލޫމާތު ދިން ގޮތުގައި މިއަދު މިރުހުގެ 100 ގުރާމް، 30 އާއި 50 ރުފިޔާގެ އަގުތަކެއްގައި ލިބެން ހުރިއިރު ކިލޯއެއް ލިބެން ހުރީ 400 އާއި 500 ރުފިޔާގެ އަގެއްގައި ކަމަށެވެ.
ނަމަވެސް މިދިޔަ ހަފުތާގައި މިރުހުގެ 100 ގުރާމް 85 ރުފިޔާއަށް ހުރިއިރު، ކިލޯ ހުރީ 800 ރުފިޔާއަށް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
މިރުހުގެ އިތުރުން ބާޒާރުގައި އިތުރަށް ހުރި ތަކެއްޗަށް ބަލާއިރު މިއަދު ގިނަ ވައްތަރުގެ މޭވާއާއި ތަރުކާރީ ތިޔާގިކަމަށް އޭނާ މައުލޫމާތުދިނެވެ. އެގޮތުން ކަރާ ކިލޯއެއް 12 ރުފިޔާއާއި 15 ރުފިޔާގެ އަގެއްގައި ބާޒާރު ގޮޅިތަކުން ލިބެން އެބަހުރި ކަމަށާއި ރޯދަމަސް ފެށުނުއިރު ކަރާގެ އަގު އުޅެނީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގަކަމަށް ވަނީ ބުނެފައެވެ.
އަދި ކެރެޓާއި ކިއުކަންބާ ކިލޯ ލިބެން 30 ރުފިޔާއަށް ލިބެން ހުރިއިރު ތައިލޭންޑު އަނބު ކިލޯއެއް 120 ރުފިޔާއަށް އަދި ދިވެހި އަނބު ކިލޯއެއް ލިބެން ހުރީ 150 ރުފިޔާއަށެވެ.
އިތުރަށް ހުރި ތަކެތީގެ އަގަށް ބަލާއިރު ދިވެހި ޖަނބުރޯލު ކިލޯއެއް 120 ރުފިޔާއަށް ލިބޭއިރު ދިވެހި ދަނޑިއަލުވި ހުރީ 150 ރުފިޔާއަށެވެ.