ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ“ގެ ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
އެ މަނިކުފާނު އުފެއްދެވި އާ އިދާރާއަކީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އުފެއްދާފައިވާ އިދާރާއެކެވެ.
ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ގާއިމް ކޮށްފައިވަނީ، ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައިވާ ގޮތުން ދައުލަތާއި ރައްޔިތުންގެ ސައިބާސެކިއުރިޓީއާ ގުޅުން ހުރި އެންމެހާ ކަންތައްތަކުގައި ފާރަވެރިވުމަށެވެ.
އަދި ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށާއި ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލު ކުރާނެ އުސޫލުތަކާއިމިންގަނޑުތައް ކަނޑައެޅުމަކީ ވެސް މި އެޖެންސީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ގާބިލްކަން އިތުރު ކުރުމަށް އެހީތެރިވުމާއި ސައިބާ ސެކިއުރިޓީގެ ދާއިރާ އިން ރާއްޖޭގެ ގާބިލްކަން އިތުރު ކުރަން ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީފެންވަރުގައި މަސައްކަތް ކުރުމަކީ ވެސް އާ އެޖެންސީގެ ދައުރުގެ ތެރޭގައި ހިމެނޭ ކަމެކެވެ.