ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް އާމިނަތު ނުޒުހާ އައްޔަނުކޮށްފިއެވެ.
ރާއްޖެ ޓީވީގައި އެތައް ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފައިވާ ނުޒުހާ އެ މަގާމަށް ރައީސް އައްޔަނުކޮށްފައިވަނީ، މަޖިލީހުން އޭނާ އައްޔަނުކުރަންފާސްކުރިފަހުން އެތައް ދުވަހެއް ވެފައިވާތީ އެކަން ނޫސްތަކުގައި ފާހަގަކޮށްފައި ވެސް ވަނިކޮށެވެ.
އަދި މީގެ ކުރިން މިނިވަން މުއައްސަސާތަކުގެ އެފަދަ މަގާމުތަކަށް މެންބަރުން އައްޔަނުކުރިކަމުގެ ފަތްކޮޅު އަރުވަނީ ރައީސް އޮފީހުގައި އޮންނަ ހާއްސަރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނުޒުހާއަށް މަގާމުގެ ފަތްކޮޅު ފޮނުވީ އޭނާގެ ގެއަށެވެ.
މިހެން އެކަން ކޮށްފައިވަނީ ކޮން ސަބަބަކާހުރެކަމެއް ރައީސް އޮފީހުން އަދި އަންގާފައިއެއް ނުވެއެވެ.