މާލޭ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ހުޅުމާލެ ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މިއަދު އެ މަސައްކަތް ފެށުމަށް ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިއަދު ފަށައިގަންނަނީ ފެސިލިޓީގެ ފެންސް ޖެހުމުގެ މަސައްކަތް ކަމަށެވެ.
އާޒިމް ވިދާޅުވީ ކުރިއަށް އޮތް 20 ވަރަކަށް ދުވަހުން ފެންސު ޖެހުން ނިންމާލެވޭނެ ކަމަށާއި, އަންނަ ހަފްތާ ތެރޭގައި އިމާރާތުގެ މަސައްކަތް ފަށައިގަނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއް, ދެ މަހެއް ތެރެގައި ފެސިލިޓީ ބިނާކޮށް, މާލެ ތެރޭގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ބަދަލުކޮށް, ނިއުޓާ ކުރެވިގެން އެތަނުގައި ގެންގުޅެވޭނެ ނިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“އުންމީދު ކުރެވެނީ ކުރިއަށް އޮތް މަހެއް ދެ މަސް ތެރޭގައި ހަމަ އެއްކޮށް މި ފެސިލިޓީ ބިނާކުރެވި، ފެސިލިޓީއަށް މާލެ ތެރޭ އުޅޭ ބުޅާތައް ގެނެވި، އެ ބުޅާތައް ނިއުޓާ ކުރެވިގެން މިތަނުގައި ގެންގުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް،” އާޒިމް
ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރު ގާއިމުކުރަނީ 5000 އަކަފޫޓުގެ ބިމެއްގައެވެ. މި ތަނުގައި ކެޓް ޝެލްޓަރު ގާއިމު ކުރުމުން މާލޭގައި އުޅޭ ބުޅާތައް ގެންގޮސް، ފަރުވާ ދިނުމުގެ އިންތިޒާމު ގާއިމުކުރާނެއެވެ. މި ފެސިލިޓީ އިން24 ގަޑީރު ހިދުމަތް ލިބިގެންދާނެއެވެ.