މިއަހަރު ދައުލަތުގެ އާމްދަނީއަށް ވުރެ ހަރަދު އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 6.86 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިމުއްދަތުގައި ސަރުކާރުން ވަނީ 7.03 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދައުލަތުގެ އާމްދަނީ 400 މިލިއަން އިތުރުވެއްޖެކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރުގެ ހަރަދުތައް ފުރަތަމަ ފަހަރަށް އިތުރުވެފައި މިވަނީ އަހަރުގެ އެންމެ ކުރީކޮޅުން ފެށިގެން ހަރަދު ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަރަދުތައް ކުޑަކުރިއިރު އެކަން ކޮށްފައިވަނީ ރަށްރަށުގެ ތަރައްގީއަށް ހަރަދު ކުރަންޖެހޭ ކެޕިޓަލް ހަރަދުތަކުން ބޮޑު ބައެއް ކަނޑާލައިގެންނެވެ. އެގޮތުން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް މިސަރުކާރުން ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 1.37 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.7 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.