މިސްކިތްތައް ދިވެހިންގެ އަތުން ސާފުކޮށްދިނުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.
އާޒިމް މިފަދައިން ވިދާޅުވެފައިވަނީ މާލެ އާއި ހުޅުމާލޭގެ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ބިދޭސީންގެ ބަދަލުގައި ދިވެހިންނާ ހަވާލުކުރަން ސިޓީ ކައުންސިލުން ނިންމާ މި މަސައްކަތަށް ދިވެހިން ހޯދުމަށް ދެފަހަރު އިއުލާން ކޮށް ކާމިޔާބު ނުވުމާއެކު އިއްޔެ ތިންވަނަ ފަހަރު އެ އިއުލާން ގެޒެޓްކުރުމާ އެކުއެވެ.
ދިވެހިރާއްޖޭގެ މިސްކިތްތައް ދިވެހިންގެ އަތުން ސާފުކޮށް ބެލެހެއްޓުމަކީ ލިބޭ ފަހުރެއް އަދި އުފަލެއް ކަމުގައި ހައްދަވާ،– އާޒިމް
މާލެ ސިޓީ ކައުންސިލުން މިދިޔަ މަހުގެ 22 ގައި ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ މިސްކިތްތައް ބަލަހައްޓަން ދިވެހިން ހޯދާށެވެ. ބިދޭސީން ނަގާނީ ދިވެހިން ނުލިބިއްޖެ ހާލަތެއްގައި އެކަނި ކަމަށް ވެސް ނިންމި އެވެ.
މިދިޔަ ހަފްތާގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، އެ މަސައްކަތަށް ދިވެހިން ނުލިބުނު ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލުން އިއުލާން ކުރީ 114 ދިވެހިން ހޯދަން ކަމަށާއި ނަމަވެސް ލިބުނީ އެންމެ 14 މީހުން ކަމަށެވެ.
މިސްކިތްތައް ފޮޅައިސާފުކުރުމަށް 110 މީހަކު ބޭނުންވާއިރު އެ މީހުންގެ މުސާރައަކީ މަހަކު 12،000ރ. އެވެ. އަދި މަރާމާތު ކުރާ މީހުންގެ މުސާރައަކީ ވެސް އެއީ އެވެ.
މިސްކިތްތައް ބަލަހައްޓާނެ ސުޕަވައިޒަރުންގެ ގޮތުގައި ފަސް މީހަކު ނަގާއިރު އެ މީހުންގެ މުސާރައަކީ 5،020ރ. އެވެ. ސާވިސް އެލަވަންސަށް 1،500ރ. އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 75ރ. ލިބޭނެއެވެ.