ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަންކުރާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަން މިހާރު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ފަހުމީ ވިދާޅުވީ، ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ މި ދެންނެވި ގޮތަށް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން ކަމަށެވެ.
ފަހުމީ ވިދާޅުވީ މިއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލަކަށް ވާއިރު، މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދިނުމަށް ކުރަމުންދާ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
ސްޓެލްކޯގެ ކަންބޮޑުވުމާއެކު ފަހުމީ ވަނީ މިފަދަ މައްސަލަތައް ސީރިއަސްކޮށް ބަލާ މިފަދަ ކަންކަން ކުރަމުންގެންދާ މީހުން ހުއްޓުވައި އެ މީހުންނާއި ވަގަށް ނަގައިގެން ވިއްކާ ތަކެތި ގަންނަ މީހުންނަށްވެސް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ