ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް ފެނަކަ ކުންފުނިން ހަވާލުކޮށްފައިވާ 25 ޕްރޮޖެކްޓެއްގެ މައްސަލަ އެންޓި–ކޮރަޕްޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެމިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މުއާޒު ވިދާޅުވީ، މި ޕްރޮޖެކްޓުތަކަކީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާ ގޮތަށް، ބީއޯކިއުއެއް އަދި މާކެޓުގައި މި މަސައްކަތްތައް ކުރެވޭނެ އަގަށްބެލުމެއްނެތި ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކެއް ކަމަށެވެ.
އެ ކުންފުނިން ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ނުދެވިވާ ކަމަށާއި ޒިިންމާވާން ޖެހޭ ފަރާތްތަކުގެ މައްސަލަ ބަލައި ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް މުއާޒު ވިދާޅުވިއެވެ.
ފެނަކަގެ އޮފީސް އެޅުމުގެ 60 މަޝްރޫއު ވެސް ހުއްޓިފައިވާ ކަމަށާއި އެ މަޝްރޫއުތަކަށް އެކަނި އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މުއާޒް މީގެ ކުރިންވިދާޅުވެފައިވާއިރު، އެ މަޝްރޫއުތައް ނިމިފައި ހުރީ 45 ޕަސެންޓް ކަމަށާއި މަޝްރޫއުތައް ނިންމާލުމަށް އެއް ބިލިއަން ރުފިޔާ އަށް ވުރެ ގިނައިން ހަރަދު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މުއާޒު ވިދާޅުވީ ފެނަކައާ މި ސަރުކާރުން ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏަކާ އެކު ކަމަށެވެ.
އަދި ފެނަކައިގައި 8،000 މުވައްޒަފުން ތިބިއިރު، ކޮންމެ މަހަކު 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް ހޭދަކުރަން ޖެހޭ ކަމަށާއި ކުންފުނި އޮތީ ބަނގުރޫޓްވެފައި ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.