ފުލުހަކު ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގެ އެތެރޭގެ ތަހުގީގެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ހާދިސާއާ ގުޅޭ އެތެރޭގެތަހުގީގެއް ކުރިއަށްގެންދަން އެ މުއައްސަސާއިން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.
އަށާރަ އަހަރުނުވާ އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރީކަމަށް ބުނެ އަންހެން ކުއްޖާގެ އާއިލާއިން ހުޅުމާލޭ ދަވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންކައިރިއަށް އެއްވެ އަޑު އުފުލާފައި ވާއިރު، މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކޮށްފައެވެ.
މި ތުހުމަތުތައް ދޮގުކޮށް ޝިފާން މީގެކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެއީ ފުލުހުން ގާއިމްކޮށްފައިވާ ޗެކްޕޮއިންޓަކުން ފިލަންއުޅެނިކޮށް ސައިކަލުން ވެއްޓިގެން ލިބުނު އަނިޔާތަކެއް ކަމަަށާއި، ސައިކަލް ދުއްވާފައިވަނީ ލައިސެންސް ނެތް ފަރާތެއް ކަމަށާއި އަދި އަނިޔާވިފަރާތައް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދިން ކަމަށް ވެސް ޝިފާން ވިދާޅުވެފައިވެއެވެ.