ރޯދަމަހުގެ ފަހު ދިހައިގައި ކޮންމެހެން ވެސް ވަޒީފާއަށް ނުކުންނަޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ފަހު ދިހައިގައި ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެލަވަންސް ދޭނެ ގޮތް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ބުނީ އެ އެލަވަންސް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތައް ނުކުނަން ޖެހޭނެ ކަަމަށް ކަނޑައަޅާ މުވައްޒަފުންނަށް އެކަނި ކަމަށެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަމަހުގެ ފަހު 10 ދުވަހަކީ ރަސްމީ ބަންދު ދުވަސްތަށް ކަމަށް ބަލައިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭންވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުން އަމަލުކުރަންޖެހޭ “ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތައް” ގައި ހިމެނޭ “ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމަށް އިނާޔަތް ދޭނެ ގޮތުގެ މިންގަނޑާ” އެއްގޮތަށް އިދާރާތަކުން އަމަލުކުރަންވާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.