ޗައިނާ ސަރުކާރުން ރާއްޖެއަށް 10 ޕިކަޕު ހަދިޔާކޮށްފިއެވެ.
މިއަދު ހަވީރު މާލޭގެ ކުރީގެ ކުނިކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޗައިނާގެ ޝަންޑަންގް ޕްރޮވިންސް އިން ހަދިޔާކުރި މި ޕިކަޕްތައް ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފައެވެ. މި ޖަލްސާ ޝަރަފުކޮށްދެއްވާފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގް ލީޒިންގެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ޕިކަޕްތަކާ ހަވާލުވެވަޑައިގަތީ ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފެވެ. ސަފީރު ވެންގް ލީޒިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވެހިކަލްތަކަކީ މާލެ އާއި ރާއްޖޭގެ އެހެން ސިޓީތަކުގައި ކުނި އުފުލުމަށާއި އާންމު މަސައްކަތްތަކަށް ވަރަށް ބޮޑު އެހީއަކަށްވެ، ރާއްޖެއަކީ ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް މުހިންމު ދައުރެއް އަދާކުރާނެ އުޅަނދުތަކެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
މި ޕިކަޕުތަކަކީ ކުނި އުފުލުމަށާއި މުނިސިޕަލް ބޭނުންތަކަށް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕިކަކުތަކެކެވެ. ޗައިނާއިން ރާއްޖެއަށް ދަނީ ގިނަ އެހީތަކެއް ވަމުންނެވެ.
އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯޓްރީ ސާމާނު ހޯދަން ވެސް ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފައިވާއިރު، ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 1،500 ޓަނުގެ ބޯފެންވެސް އިއްޔެ ވަނީ ރާއްޖެ ގެނެސްފައެވެ.