ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރަން ހިންގާ މަޝްރޫއު އަށް މާލެ ކައިރީގައި އޮންނަ އުތުރުތިލަފަޅުން ހިއްކަނީ 200 ހެކްޓަރުގެ ބިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން ވަނީ އިންޑިއާއާ އެކު ވީ އެއްބަސްވުމެއް ދަށުން އެމްއެންޑީއެފްގެ ޑޮކްޔާޑެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ އުތުރުތިލަފަޅު އިތުރަށް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމާފައެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ނިންމުން ބަދަލުކޮށް، ޗައިނާއާ އެކު ދަނޑުވެރިކަމުގެ މަޝްރޫއުއެއް އެ ތަނުގައި ހިންގަން ވަނީ ނިންމަވާފައެވެ.
ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)އެއް ގާއިމްކުރުމަށް، އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ވަނީ އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން އެއްބަސްވުމެއް ހަދާފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ހޯދުމަށްޓަކައި ބޭރަށް ހޭދަކުރާ މިލިއަން ޑޮލަރުގެ ހޭދަ ނިންމުމަކަށް ގެންނަން، ކާބޯތަކެތި ރާއްޖޭގައި އުފައްދަން މަޝްރޫއުއެއް ފަށާފައިވާ ކަމަށެވެ.
އެ އިމްޕޯޓް ކުރުން ނިންމުމަކަށް ގެނެވުނީމާ ދެން އަޅުގަނޑުމެންގެ އިގުތިސާދަށް އަންނާނީ އިތުރު ދިރުމެއް. އަދި އަޅުގަނޑުމެންގެ އަމާޒަކީ އެ ހިސާބުން ނިންމައި ނުލާ ދެވަނަ މަރުހަލާއަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ފުޑް ސެކިއުރިޓީ ގާއިމް ކުރުމަށް ފަހު ޓޫރިޒަމް އިންޑަސްޓްރީ އަށް ބޭނުންވާ މިންވަރަށް ވެސް ކާބޯތަކެތި އުފެއްދުން،–ރައީސް