-Advertisement-

-Advertisement-

ސޯލިހަށް ރައީސްގެ ރައްދު: ފަސް އަހަރު ވެރިކަން ކުރުމަކީ ރައްޔިތުންގެ ކުރިމަތީގައި ދޮގު ހަދަން ލިބޭ ލައިންސެންސެއް ނޫން!

ޕީޕީއެމް/ޕީއެންސީގެ އިވެންޓެއްގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ފަޔާޒް މޫސާ، މިހާރު

ފަސް އަހަރު ވެރިކަން ކުރުމަކީ ރައްޔިތުންގެ ކުރިމަތީގައި ދޮގު ހަދަން ލިބޭ ލައިންސެންސެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފްލެޓުތައް “ނުހައްގުން ބަހާނުލެވި އޮތީ” ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީ އަށް އޮތުމުން ކަމަށެވެ.

މިވާހަކައަށް ރައްދު ދެއްވާ މާލޭގައި އޮތް ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވައުދުވެފައިވާ ގޮތަށް ގޯތި ލިބުނު އެންމެންނަށް އެމީހެއްގެ ގޯތި ހަވާލު ކުރަމުންދާނެ ކަމަށާއި ކުރީ ސަރުކާރުން ހެދިހެން ރައީސް އޮފީސް ތެރޭ ވަކި ލިސްޓެއް ހަދައި ގޯތިތައް ދޫކުރަމުން ނުދާނެ ކަމަށެވެ.

އަޅުގަނޑު ހަނދާން އެބަހުރި އެބޭފުޅުން އެކަން ކުރި ގޮތް. އެ ބޭފުޅުން ވަކި ލިސްޓެއް ހަދައިގެން ފޯމް ލިޔަސް ނުލިޔަސް ގޯއްޗާއި ފްލެޓް ދިނީ، އެކަން ނޫންތޯ އޭސީސީއިން އެބަލަނީ. އަޅުގަނޑުމެން ވަކި ލިސްޓެއް ހަދައިގެން ވަކި ލިސްޓަކަށް އެ ގޯތިތައް ދޭން ވެގެން އެބަ އުޅެއޭ، ތިމަންނަމެންގެ މެޖޯރިޓީ މަޖިލީހުގައި އޮތީމައޭ އެކަން ނުކުރެވިގެން އުޅެނީއޭ ކިޔައިގެން ދައްކަނީ ހުސް ބުހުތާނު ދޮގު،–ރައީސް

ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް ގޯއްޗެއްގައި އަތެއް ނުލާނެ ކަމަށާއި މަސައްކަތް ކުރަމުން ދަނީ ގޯތިތައް އަވަހަށް ދޫކުރުމަށް ކަމަށެވެ. ހުޅުމާލެ ފޭސް 3 އަކާއި ގުޅީފަޅާއި ގިރާވަރުފަޅު ވެސް ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި އެ ތަންތަން ހިއްކާނީ ކުރީގެ ސަރުކާރުން ހިއްކަން ނިންމި ވަރަށްވުރެ ވެސް ބޮޑުކޮށް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަން ޔަގީން ކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު ސިޔާސަތު ކަމަށާއި މި ފަސް އަހަރު ނިމޭއިރު ގެދޮރު ޔަގީން ނުވާ ހަމަ އެއްވެސް ރައްޔިތެއް ނުހުންނާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-