ހުޅުމާލޭގެ ސްމާޓް ޕާކިންގެ 41 ޖާގަ ބީލަން އުސޫލުން ކުއްޔަށް ދޫކުރަން ނިންމައިފިއެވެ.
އެޗްޑީސީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ، ޕާކިން ޖާގަ ބޭނުންވާ މީހުންނަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 24 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ ވެސް ހަމަ އެ ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި، ބީލަން ފެށޭ އަގަކީ 1،500ރ. އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ވެސް އެ ވަރު ދައްކަން ޖެހެ އެވެ. ތިން އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޭ އެ ޖާގަތައް ލިބޭނީ ޕޮއިންޓް ދޭ އުސޫލުގައި ކަނޑައަޅާފައިވާ ގޮތަށް އެންމެ މަތިން ޕޮއިންޓް ހޯދާ މީހުންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީ އިން ބުނީ މި ޕާކިން ޖާގަތައް ދެނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި އަދި ޕާކު ކުރާ ވެހިކަލް ވާން ޖެހޭނީ ބީލަން ހަށަހަޅާ މީހާގެ ނަމުގައި މާލެ ސަރަހައްދުގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ބޭނުންކުރާ އުޅަނދަކަށްކަމަށެވެ.
މީގެއިތުރުން ޕާކިން ޖާގަތައް ކުއްޔަށް ނަގާ މީހުން އެތަން ސަބްލީސް ކުރުމާއި ރަޖިސްޓަރީ ކުރާ އުޅަނދު ނޫން އެހެން އުޅަނދުތައް އެ ތަނުގައި ޕާކުކުރުން މަނާ ވާނެއެވެ. އެ މީހެއްގެ ނަމުގައިވާ އެހެން އުޅަނދެއް ޕާކުކުރަން ބޭނުންވާ ނަމަ، އެކަމުގެ ހުއްދައަށް އެދެން ޖެހޭނެއެވެ.