އިސްރާއީލުން ފަލަސްތީނުގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކުގައި 32,000އަށް ވުރެ ގިނަ މީހުން މިހާރުވަނީ ޝަހީދުކޮއްލާފައިއެވެ. އަދި އެތައްހާސް މީހުންނަށް ވަނީ އެކި އަނިޔާތަކެއް ލިބި ސިއްހީ ފަރުވާއަށް ބޭނުން ޖެހިފައިއެވެ.
ޣައްޒާގައި ސިއްހީ އެހީއަށް ބޭނުންވެފައިވާ މީހުންނާ ގާތްކުރާވަރަށްވެސް ސިއްހީ އެހީދޭ މީހުން ޣައްޒާގައި މިހާރު ނެތެވެ. މިހާރު މުޅި ޣައްޒާގައި ސިއްހީ ފަރުވާދެވޭ ފެންވަރުގައި ހުރި ހަމައެކަނި ހޮސްޕިޓަލްއަކީ ޝުހާދާ އަލް އަގްސާ ހޮސްޕިޓަލްއެވެ.
މި ހޮސްޕިޓަލްގައި އިންސާނީއެހީ ފޯރުކޮއްދިނުމަށް މަސައަކަތް ކުރަމުންދާ އެކަކަކީ އުމުރުން 12 އަހަރުގެ ޒަކަރިއްޔާ އަލް ސެރްސެކްއެވެ. އަމިއްލައަށް ބޭނުންވެގެން ޒަކަރިއްޔާ ދަނީ ހޮސްޕިޓަލްގައި ސިއްހީ އެހީއަށް ބޭނުންވަފައިވާ ބަލި މީހުންނަށް އެހީވަމުންނެވެ. އިސްރާއީލުން އަމާޒު ކުރަމުންދާ ހަމަލާތަކަށް ބެލުމެއްނެތި 12 އަހަރުގެ ޒަކަރިއްޔާ ދަނީ އޭނާގެ މީހުންނަށް އެހީ ވަމުންނެވެ.
ނަރުސްގެ ސްކްރަބްގައި ޒަކަރިއްޔާ އަލް އަގްސާ ހޮސްޕިޓަލްގައި ބަލި މީހުންނަށް އެހީ ވުމާއި, ބޭނުންވާ މެޑިކަލް އިކުއިޕްމެންޓްތައް ގެނެސްދިނުމާއި ނަރުހުންނަށް އެހީވުން ފަދަ ކަންތައް ކުރެއެވެ. އަވަސް ފަރުވާއައް ބޭނުންވެއްޖެ ހާލަތެއްގައި އެމްބިލުލާންސްގައި ތަންތަނަށް ގޮސް އެހީ ފޯރުކޮއްދެއެވެ.
“އަހަރުމެން އެކްސްރޭ ހަދަންޖެހޭ ބަލިމީހުން އެކްސްރޭ ހަދާ ތަނަށް ގެންގޮސް ބަލި މީހުންނަށް އެހީ ވަނީ” 12 އަހަރުގެ ޒަކަރިއްޔާ ބުންޏެވެ.
އަލް އަގްސާ ހޮސްޕިޓަލްގެ ޑިރެކްޓަރ ދިރިޔާދު އަބޫ ޒާހެރް ޒަކަރިއްޔާގެ މަސައްކަތްތައް ފާހަގަކޮށް ބުނެފައިވަނީ މި ކުޑަ ކުއްޖާގެ ސަބަބުން އެތައް ފުރާނައެއް ސަލާމަތް ކުރެވިއްޖެ ކަމަށެވެ. އިސްރާއީލުން ހަމަލާ ދެމުންދާ ތަންތަނުގައި އަނިޔާ ލިބިފައިވާ މީހުންއަށް އެހީ ފޯރުކޮއްދޭ ދާން ޖެހުނަސް ޒަކަރިއްޔާ ހުންނާނީ ތައްޔާރަށް ކަމަށެވެ.
މީހުންނަށް އެހީ ވުމާއި އަދި ހައްސަކޮށް ހޮސްޕިޓަލެއްގައި މިކަހަލަ ހާލަތެއްގައި މަސައްކަތް ކުރުމުން ޒަކަރިއްޔާގެ ހިތުގައި ސިއްހީ ފަރުވާދޭ ފަރާތްތަކަށް އިތުރު ލޯތްބެއް ޖެހިފައިވެއެވެ. އަދި އޭނާވެސް ބޮޑުވެގެން ވާން ބޭނުންވަނީ ޑޮކްޓަރަކަށް ކަމަށް ޒަކަރިއްޔާ ބުނެއެވެ. މިހާރުވެސް ޑޮކްޓަރުން ކައިރީން ކުދި ކުދި ކަންތައް އަހާ ދަސްކުރާކަމަށްވެސް ބުންޏެވެ.
“އަހަރެން ބޭނުންވަނީ ހަނގުރާމަނެތް ޣައްޒާގައި މެޑިސިން ކިޔަވައި, ބޮޑުވެގެން ޑޮކްޓަރަކަށްވާން”
ޒަކަރިއްޔާ އަކީ ޣައްޒާގައި ނާމޫނާ ދައްކަމުންދާ އެތައް ބައެއްގެ ތެރެއިން އެކަކެވެ. އެހާ ދަތި ހާލުގައި, ބިރުވެރި ކަމެއްގެ ތެރޭފައި ޣައްޒާގެ އަހުންނާއި އުހުތުން އުޅެމުންދާ ގޮތް އަހަރުމެންނަށް އިހުސާސްކުރަންވެސް ނޭނގޭނެކަމް ކަށަވަރެވެ.