ރައީސް ޔާމީނައަށް ރައީސް ޑރ. މުއިއްޒުގެ ވެރިކަން ހަޖަމް ނުކުރެވުނު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެގޮތުން ޔާމީންގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ޑޮލަރުގެ އަގު މިހާރު ދަށްވެފައި ވަނީ ސަރުކާރުން ކުރި ކަމަކުން ނޫން ކަމަށާއި މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ތަބީއީ ގޮތުން ވެސް ޑިމާންޑު ދަށްވެ، ޑޮލަރުގެ އަގު ދަށްވީ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ އެއްވެސް މަސައްކަތެއް ނެތްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިވާހަކަތަކަށް ރައްދު ދެއްވާ ސައީދު ވިދާޅުވީ ލަރުގެ އަގު އަދިވެސް ދާނީ ދަށަށް ކަމަށެވެ. އެހެން އެކަން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ، އާ ސަރުކާރަކާ ވެރިކަން ހަވާލުވިއިރު އޮތް އެންމެ ނުރައްކާތެރި ހާލަތުގަ އެވެ.
މިއީ ހަގީގަތް. ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައަސަލައަކީ ވެރިކަންކޮށް، ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަން ކުރާ މަންޒަރު ހަޖަމު ނުވުން،–ސައީދު
މި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ޔާމީން ގެންދަވަނީ ފާޅުގައި ފާޑުވިދާޅުވަމުންނެވެ.