ޖިންސީ ފުރައްސާރަައިގެ މައްސަލައެއްގައި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް ސަސްޕެންޑްް ކޮށްފިއެވެ.
ބައްސާމް ސަސްޕެންޑު ކޮށްފައިވަނީ އެ ކުންފުނީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެކަން އިތުރަށް ތަހުގީގު ކުރުމަށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީގު ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ބައްސާމް އިއްޔެ ސަސްޕެންޑު ކޮށްފައި ވާކަމަށާއި، ކުންފުނީގެ ސަމާލުކަމަށް މި މައްސަލަ އައީ ސޯޝަލް މީޑިއާއިން ކަމަށެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު، އެމްއެމްޕީއާރުސީން ނެރުނު ބަޔާނުގައި ބުނީ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށެވެ.
އެކަމަކު، މެނޭޖްމަންޓަށް ލިބިފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި މެނޭޖްމަންޓުން އަޅަންޖެހޭ ފިޔަވަޅު އަޅަން ޑިސިޕްލިނަރީ ކޮމިޓީއަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.
ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ މި ކުންފުނީގެ މެނޭޖްމަންޓުން އެއްވެސް ހާލެއްގައި ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށާއި މި ފަދަ އަމަލެއް ކޮށްފިނަމަ ކޮންމެ މުވައްޒަފަކާ މެދު ކުންފުނިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އަރުވަމެވެ.– އެމްއެމްޕީއާރްސީ ބަޔާން
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައްސާމް މުވައްޒަފުންތަކަށް ޖިންސީ ފުރައްސާރަކުރީ ދާދި ފަހުން ޖަރުމަންގައި އޮތް ބާލީން ފެއާ ދަތުރުގެ ތެރޭގައެވެ.