ރަށުގެ އުތުރު ފަރާތުން އަތިރިމައްޗާއި މާދުރުނޫން ހިސާބެއްގައި ތާރީޚީ ކުޑަ ޒިޔާރަތެއް ހުރެއެވެ. ޒިޔާރަތުގެ ކޮންމެ ކަނެއްގައި ކުޑަ ހުދު ދިދައެއް ޖަހާފައި ހުރެއެވެ. ކާބަފައިން ކިޔާ އުޅުނީ ކޮންމެވެސް އަރަބި ބޭކަލެއް ވަޅުލެވިފައިވާ ތަނެއް ކަމަށެވެ. އޭރު ގިނަ ބަޔަކު ނަދުރު ބުނެ ނުހަނު ރަގަޅަށް ބަލަހައްޓަމުން އައިސްފައިވާ ތަނެކެވެ. އެހެނަސް މިޒަމާނުގައި އެފަދަ ތަންތަނުގެ ހަޤީޤަތް އެނގެން ފެށުނު ހިސާބުން މާބޮޑު އަޅާލުމެއް ލިބެމުން ނުދިއުމުގެ ސަބަބުން ތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. ރަށުގެ ގިނަ ބަޔަކަށް މުހިއްމު ނުވިއަސް ނޫމާނަށް އެތަނެކީ ނުހަނު މުހިއްމު މަންޒިލެކެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ނޫމާނު އެތަނުގައި ވަގުތު ހޭދަކުރަމުންދެއެވެ. އެއީ އޭނާގެ ހަޔާތާއި ނުހަނު ގުޅިފައިވާ ސަރަހައްދެކެވެ. އޭނާގެ ފުރާވަރާއި ޒުވާންދުވަސްވަރު ގެ ލޯބި ފެށިގެން އައީ އެތަނުގައެވެ. ލޯބީގެ އަހުދުތަކާއި ވަޢުދުތައް ވީ އެމަންޒިލްގައެވެ.
ނޫމާނަކީ ރަށުގެ ނަން މަޝްހޫރު މުއްސަދި އާއިލާއަކަށް ނިސްބަތްވާ ފަރާތެކެވެ. ކަސްރަތީ ހަށިގަނޑެއްގެ ވެރި އިސްކޮޅުން ދިގު ރީތި އޮމާން ހަމުގެ ކުލަ ކަޅު ފަރާތެކެވެ. ފަން އިސްތަށިގަނޑު ކޮނޑާއި ހަމައަށް ދިގުކޮށްފައި ހުންނައިރު އޭނާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. އެހެންކަމުން އޭނާ ވީ ލޯބީގައި ވަރަށް ކާމިޔާބު ފަރާތަކަށެވެ. ލޯބި ހާސިލް ކުރުމަށް މާބުރަ މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. ރަށުގެ ރީތި ޒުވާނެއް އޭނާއަށް ހާސިލް ވިއެވެ. އެއީ އަޒްރާއެވެ. އަޒްރާ އަކީ ހިމަތޮޅި އާދައިގެ ވަރަކަށް ދިގު ހަމުގެ ކުލަ ދޮން ޒުވާނެކެވެ. ރަށުގެ ގިނަކުދިން އަޒްރާ ގެ ލޯބި ހާސިލް ކުރުމަށް ހިތްކިޔަމުން ދިޔަ އޭނާގެ ރީތި ކަމުގެ ޖާދޫގައި ޖެހިފައިވާ ޖިންސުއްލަތީފެކެވެ.
ނޫމާން އާއި އަޒްރާގެ ލޯބީގެ އެމެހެފިލްތަކުގައި، ބައްދަލުވުންތައް، ކޮންމެ ދުވަހަކުހެން ބޭއްވުމަކީ ދެލޯބިވެރިންގެ ވެސް އެންމެ އިސްކަމެއް ދެމުން އައި އެއްކަންތައްކަމުގައި ވެއެވެ. އެމީހުންގެ މި ބައްދަލުވުންތަކަށް ވާގިވެރިވެ އެހީތެރިވެދެނީ ނޫމާންގެ އެންމެ ގާތް އެކުވެރިޔާ ސައީދެވެ. ދެއާއިލާއަށް ވެސް ސިއްރުން ކުރިއަށް ދިޔަ ބައްދަލުވުންތަކަށް ނިމުމެއް އައީ ރަށުން ކިޔަވައި ނިމިގެން ނޫމާންގެ އާއިލާއިން އޭނާ އިތުރަށް ކިޔެވުމަށް މާލެ ފޮނުވަން ނިންމެވި ހިސާބުންނެވެ. އެއީ ދެލޯބިވެރިންނަށް ވެސް ފުން އަސަރުތަކެއް ގެނުވި ޚަބަރަކަށެވެ. އެހެނަސް އެއީ ނައިސް ނުދާނެ ދުވަހެއްކަންވެސް ދެމީހުން ހިތުގެ އަޑިން ގަބޫލުކުރިއެވެ. އަޒްރާގެ މައިންބަފައިންގެ އެހާ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން ރަގަނޅު ނަތީޖާއެއް ލިބުނުކަމުގައި ވީނަމަވެސް އަޒްރާއަށް ޖެހުނީ ތައުލީމީ ހަޔާތް އެހިސާބުން ނިމުމަކަށް ގެންނާށެވެ.
ނޫމާން ފުރަންޖެހޭ ދުވަސް ކައިރިވަމުން އައިވަރަކަށް ދެލޯބިވެރިންގެ ބައްދަލުވުންތައް ގިނަވަމުން ދިޔައެވެ. އެމީހުންގެ ޚާއްސަ މަންޒިލްގައެވެ. އެ ކުޑަކުޑަ ޒިޔާރަތުގެ ކައިރީގައެވެ. ދެލޯބިވެރިން ވަމުންދިޔަ އަހުދު ތަކާއި ވައުދުތަކުގެ ހެކިވާނެ ހެކިވެރިއެއްގެ ގޮތުގައި އެޒިޔާރަތް ވާކަހަލައެވެ.
ކޮންމެ ކަމަކަށްމެ ނިމުމެއް އަންނާނެއެވެ. މިއަދަކީ އެދުވަހެވެ. ނޫމާން މާލެ ދަނީއެވެ. އަޒްރާ އާއި ވަކިވަނީއެވެ. ދެލޯބިވެރިންގެ ބައްދަލުވުންތަކަށް ނިމުމެއް ގެނުވަނީއެވެ. އެހެނަސް އެއީ ވަގުތީ ވަކިވުމެކެވެ. އެނޫން އެހެން ގޮތެއް މިވަގުތަށް ނެތީމައެވެ. ފަތިހުގެ ވަގުތެވެ. ރަށުބޯޓު ދަތުރައް ތައްޔާރުވެފައި އޮތެވެ. މާލެ ދިއުމަށް ބޭނުންވާ މީހުން ބަނދަރުމައްޗަށް ނުކުންނަނީއެވެ. އޭގެ ތެރެއިން އެކަނީ ނޫމާނެވެ. އޭނާގެ ބައްޕައާއި މަންމައާއި އެކުގައެވެ. އެއީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ނޫމާންގެ މަންމަ އައިސާގެ ލޯ ވަނީ ފެންކަޅިވެފައެވެ. ހުރި ހަމައެކަނި ދަރުފުޅާ ވަކިވާން ޖެހޭތީއެވެ. އެދަރިފުޅަށް ބެދިފައިވާ އަޑަކުން ނަޞޭހަތް ދެމުން ގެންދިޔައެވެ. ރަގަނޅަށް އުޅުމަށެވެ. އަޅުކަންތަކަށް ފަރުވާތެރި ވުމަށެވެ. އެމީހުން އެދޭފަދަ ޚަރުދަނާ އިލްމީ މީހަކަށް ވުމަށެވެ.
އެފަތިހާވެސް އަޒްރާ އައިސް ހުއްޓެވެ. ނޫމާން ފެންނަ ހިސާބުގައެވެ. އޭނާގެ ހަރަކާތްތަކަށް ބަލާށެވެ. ނޫމާންގެ މައިން ބަފައިން ހުރުމުން އެތަނަށް ދާން ނުކެރިފައެވެ. ނޫމާންގެ ރަހުމަތްތެރިޔާ ސައީދު ނޫމާންގެ ކޮނޑުގައި ޖަހާލަމުން އަޒްރާ ދައްކާލިއެވެ. އަޒްރާ ފެނުމުން ނޫމާން ހީލިއެވެ. އަޒްރާ ކައިރިއަށް ދާނެ ކޮންމެވެސް ގޮތެއް ވިސްމާލިއެވެ. ދަނޑިވަޅަކަށް ބަލަބަލާ ހުރި ނޫމާނަށް ފުރުޞަތު ލިބުމާއެކު އަޒްރާ ކައިރިއަށް ދިޔައެވެ.
“ދޫނީ…ވަރަށް މިސްވާނެ…ކޮންމެ ދުވަހަކު ގުޅާނަން ވަރަށް ވަރަށް މިސްވޭ،” ނޫމާން ވާހަކަ ދެއްކިއެވެ. ފެންކަޅިވެ ހުރެއެވެ. އަޒްރާގެ ހާލަތަކީވެސް އެއެވެ. އޭނާގެ ލޮލުން ކަރުނަ ނިރާލާފައިވެއެވެ.
“އަހަންނަށް ވެސް ވަރަށް މިސްވާނެ… އަބަދުވެސް ނޫމާންގެ ކޯލަށް އިންތިޒާރު ކުރާނަށް،” އަޒްރާ ޔަގީންކަން ދިނެވެ.
“ކޮންމެބަންދަކަށް ވެސް އަންނާނާން …އިންތިޒާރު ކުރާތި…ތިންއަހަރު އެހެން ދިމާއަކަށް ދީލާލާނީއެއް ނޫން އެނގޭ،” ސަމާސާ ރާގަކަށް ނޫންމާން ބުންޏެވެ.
“ދެން ނޫމާން.. ތިކަހަލަ ވާހަކަ ނުދައްކަބަލަ.. މީ ނޫމާންގެ ހައްގެކޭ …. އަހަންނަށް ހީވަނީ ނޫމާންހެން ބަދަލުވާނީ.. މާލެ އިން ބައިވަރު ކުދިންނާ ދިމާވާނެ….ވިއްޔަ،” އަޒްރާ ދިމާކޮށްލިއެވެ
“ތިހެންނެއް ނުވާނެ…ދުވަހަކުވެސް ނުވާނެ…އަބަދުވެސް މީ އަޒްރާގެ މީހެއް…އަބަދުވެސް،” ނޫމާން ޔަގީންކަންދިނެވެ.
ދެލޯބިވެރިން އޮލަ ވާހަކައިގަ ތިއްބާ ސައީދު އައިސްފިއެވެ.
“ނޫނޭ ނޫނޭ ތީދެން ބޮޑުވަރު….ބައިވަރު މީހުން މިތާ އެބައެޅެއޭ…އެނެއްކޮޅުން….ނޫމާން ނުފެނިގެން މަންމަ އެއުޅެނީ…ފުރާގަޑިވެސް ޖެހިއްޖެ. ދެންވެސް އަވަހަށް ހިންގާ…ބޯޓް ނައްޓާލަފާނެ،” ނޫމާންގެ އަތުގައި ހިފައި ދަމައިގަންނަމުން ސައީދު ހިނގައިގަތެވެ.
“ރަގަނޅީވެސް ބޯޓް މިސްވީއްޔާ ދޯ ދޫނީ،” ސައީދުގެ ފަހަތުން ހިނގައިގަންނަމުން ނޫމާން ދޯދިނެވެ. އަޒްރާއަށެވެ.
ޖަވާބުގައި އަޒްރާ ބޯޖަހާލިއެވެ.
މާލެ ގޮސް މާލޭގައި ހަމަޖެހިލާ، ކަންކަން ދެނިގަނެވި މާލެއަށް ހޭނިލެވުނީ ހަފްތާއެއް ތެރޭގައެވެ. އެދުވަސްވަރުވެސް ދުވަހެއް ވައްޓާނުލައި އަޒްރާ އަށް ގުޅުމުން ގެންދިޔައެވެ. ބިޒްނަސް މެނޭޖްމަންޓްގެ ރޮނގުން ބެޗްލާރސް ޑިގްރީއަށް ކިޔަވަން ފެށީ މާޅެ ދިޔަތާ ތިންވަނައަށްވީ ހަފްތާގައެވެ. ކިޔެވުން ފެށިގެން ދިއުމުން ވަރަށް ބިޒީވެގެން ދިޔައެވެ. ހިތްވަރާއެކު، ނޫމާންވެސް މަސައްކަތް ކުރަމުންދިޔައީ އޭނާގެ މައިންބަފައިންގެ އުންމީދުތައް ހާޞިލް ކޮށްދިނުމަށެވެ.
އެއް ރެއެއްގެ އިރާކޮޅު ވަގުތެވެ. ކޮންމެވެސް ވަރަކަށް ވާރޭވެހެމުން ދިޔައެވެ. މޫސުންވެސް ގޯސް ދުވަހެކެވެ. ކުލާސް ނިމުމުން ގެއަށް ދިއުމަށް ހިނގައި ގަންނަމުން ފޯނު ނަގާ ބަލާލިއެވެ. ސައީދު އެތައްފަހަރަކު ގުޅާފައި އޮތެވެ. އެހެންކަމުން ސައީދަށް ގުޅަން އުޅެނިކޮށް އަނެއްކާވެސް ސައީދު ގުޅިއެވެ. ވާހަކަ ދެއްކީ ހުއްޓަ ހުއްޓަމުންނެވެ.
“ނޫމާން… ނޫމާން…ހިތްވަރުކުރަންވާނެ… އެއް..އެއްވެސް..އިންސާނަކަށް ދެރަ…ދެރަގޮތެއް މާތްﷲ މިންވަރު ނުކުރަށްވާނެ،” ސައީދު ވާހަކަ ދެއްކި އިރު މަޑުމަޑު ތުރުތުރެއް ހުއްޓެވެ.
“ކީކޭ ސައީދު ތިކިޔަނީ،” ސައީދު ކިޔާ އެއްޗެއް ނޭންގުމުން ތަންކޮޅެއް ބާރަށް ނޫމާނަށް ބުނެވުނެވެ. އެތައް ޚިޔާލެއް ނޫމާންގެ ސިކުޑީގައި އެބުރިގަތެވެ.
އެނެއްކާ އަޒްރާ..އަޒްރާއަށް ކަމެއް ވީބާއެވެ.
“ނޫމާން..އަޒްރާ….އަޒްރާ އެކްސިޑެންޓް ވެއްޖެ،”
ލިބުނު ޚަބަރާއެކު، ނޫމާނަށް ހީވީ އޭނާގެ ހަޔާތަށް ބިޔަ ރާޅެއް ބިންދާލިހެންނެވެ. ބޮލުގައި އަތުން ހިފަހައްޓަމުން ހުރިތަނަށް ތިވިވެވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ.
“ނޫމާން…. ނޫމާން،” ނޫމާން ގެ އަޑެއް ނީވުމުން ސައީދު ގޮވާލިއެވެ.
“އަ…އަހަ…އަހަރެން ބޭނުން ވީއެންމެ އަވަހަށް…ރަށަށް ދާން،” ރޮމުން ނޫމާން ބުންޏެވެ.
“ރައްޓެއްސެއް ލައްވާ ތިކަން ހަމަޖައްސައި ދޭނަން ތައްޔާރުވޭ،”
ސައީދާއެކު ރަށުގެ ސިއްހީމަރުކަޒަށް ނޫމާނަށް ވަދެވުނު އިރަކީ އަޒްރާގެ ފަހު ނޭވާ ދޫކޮށްލި ވަގުތެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް މަރުކަޒަށް އެވެފައި އޮތެވެ. މެންމެންގެ ލޮލުންވެސް ކަރުނަ ފާއްދާލާފައިވެއެވެ. ގާތްތިމާގެ އެންމެން ރޮނީއެވެ. ޚާއްސަކޮށް އަޒްރާގެ މައިންބަފައިންނެވެ. ނޫމާނަށް ވެސް ވީ އެވަރެވެ. ގިސްލެވެމުން ހުރިތަނަށް ތިރި ވެވުނެވެ. ސައީދު ހުރިހާ އިރަކުވެސް ދިޔައީ ނޫމާން ހަމަޖައްސައި ދެވޭތޯ މަސައްކަތް ކުރަމުންނެވެ.
އަޒްރާ ނިޔާވިތާވެސް ހަފްތާއެއް ވަނީއެވެ. ނޫމާންގެ ކަމަކީ ގިނަ ވަގުތު ކޮޓަރީގައި އޮތުމެވެ. މަންމަ އެތައް އާދޭހެއް ކޮށްފިއެވެ. ސައީދުވެސް ކޮންމެ ދުވަހަކު އޮފީސް ނިއްމާލުމަށް ފަހު އެގެއަށް އާދެއެވެ. ކޮޓަރިން ބޭރަށް ނޫމާން ނެރެވޭތޯ އެތަކެއް ވާހަކައެއް ދައްކައެވެ. އެހެނެސް ކާމިޔާބު ވާގޮތެއް ނުވެއެވެ. އެންމެފަހުން ކޯސްވެސް ދޫކޮށްލީއެވެ. އިތުރަށް ކިޔަވާނެ ހިތްވަރެއް ނެތީމައެވެ. ނޫމާންގެ މުޅި ދިރިއުޅުން އަޒްރާއާއެކު ކަފުންކުރެވުނު ފަދައެވެ. ހަޔާތުގެ ސަވާރީ ހަތަރު އަނގޮޅިއެއްގައި ދާނެ މިސްރާބެއް ބެތި ހުއްޓުން އެރީއެވެ.
އެކަނި އޮވެ ނޫމާން ކުރާވެސް ޚިޔާލަކީ އަޒްރާގެ ޚިޔާލެވެ. އަޒްރާއާއި އެކު ހޭދަކުރެވުނު އުފާވެރި ދުވަސްތަކުގެ ހަދާންތައް އަބަދުހެން އާވެއާވެ ހުރެއެވެ. އެޚިޔާލުތައް ނޫމާނަށް އަބަދުމެ އުނދަގޫކުރަމުންދެއެވެ. އަޒްރާއާއެކު ބިނާކުރުމަށް ހުވަފެން ދެކެމުން އައި ލޯބިދިރިއުޅުން ކުރިމަތީގައި އަބަދުމެ ސިފަވަމުން ދިޔައެވެ. މިޚިޔާލުތަކާއި، ބޭކާރު ވިސްނުންތަކުގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމެއް ގެ ތެރޭގައި ނޫމާންގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހިގެން ހިނގައްޖެއެވެ. ދިރިއުޅުން ބޭކާރުވެ ކަފާސްވެ ނިމިއްޖެއެވެ.
ނޫމާން ސިއްސައިގެން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ފަހަތުން އައިސް އޭނާގެ ކޮޑުގައި ހިފާ ތަޅުވާލުމުންނެވެ. ” ހާދަ ފުން ޚިޔާލެއްގައި”
“ތިޚިޔާލު މިހާރު ދޫކޮށްލަން ވެއްޖެނު ތިހެން ހުއްޓާ މީހާގެ އަސްރު ގެއްލިގެން ތިދަނީ،” އެކުވެރިޔާ ބުންޏެވެ.
” އަސްރު ކީއްކުރަން އިރު އޮއްސުނަސް އަހަންނަކަށް އަޒްރާ ހަދާންތަކަނާ ދުރަކަށް ނުދެވޭނެ، އޭނާގެ މަގާމަށް އެހެން މީހަކު ނުގެނެވޭނެ. އަހަރެންމީ ފިޑިއެކޭ ބުންޏަސް ވަރިހަމަ..،” ތެދުވެ ހިނގައިގަންނަމުން ނޫމާން ބުންޏެވެ. ދެއެކުވެރިން ހިނގައިގަތީ އެއްގަމާދިމާއަށެވެ. ދުވަސްތަކަކަށްފަހު ބައްދަލުވުމުން ދެއެކުވެރިން ނުހަނު ގިނަ ވާހަކަ ހުންނާނެ ނޫން ހެއްޔެވެ.
ނޫމާންގެ “އަސްރު” ވޭތުވެގެން ދަނީހިތާމައާއި ހިތްދަތި ކަމަކަމާއެކުއެވެ. ވީރާނާ ކަމާއި އެކަނިވެރިކަމުން ފުރިގެންވާ ހަޔާތެކެވެ. އޭނާގެ ހަފަރާތް ބައްދާލާފައި ވަނީ އަޒްރާގެ ހަދާންތަކެވެ. އަބަދުމެ ޚިޔާލަކީއެއެވެ. ނެގިމަޑުވެ އެޚިޔާލަށް ގެއްލިފައި މީހުންނާ އެކަހެރިވެގެން ހުރުމަކީ ނޫމާންގެ މިހާރުގެ އާދައެވެ. ޚިޔާލުގެ ތެރަށް ގެއްލިފައިވާ ނޫމާން ސިހުނީ މުސްކުޅި މަންމަ އޭނާއަށް ގޮވާލުމުންނެވެ. އޭނާގެ މަންމަ ގޮވާލީ މެންދުރު ކާން ނައިސްގެންނެވެ. ގޯތީގެ ބިއްދޮށް ފަރާތުގައި ހުރި ޖޯލި އުދޯލިން ތެދުވެގެން ނޫމާން ހިނގައިގަތެވެ. އޭނާގެ ހުރިހާވެސް މީހަކީ މިހާރު އެއީއެވެ. ބައްޕަ ނިޔާވި ފަހުންނެވެ.
ނިމުނީ