އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުން 2-0 އިން ބަލިކޮށް، ލީގުގެ އެއްވަނަ އަށް އާސެނަލް އެރިއިރު، މެންޗެސްޓާ ސިޓީން އެސްޓަންވިލާ 4-1 އިން ބަލިކޮށްފި އެވެ.
މި މޮޅާއެކު އެއްވަނައިގައި އާސެނަލް ހަމަ ޖެހިލާފައިވަނީ 30 މެޗުން ލިބުނު 68 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތީ 29 މެޗުން ލިބުނު 67 ޕޮއިންޓާއެކު ލިވަޕޫލް އެވެ. ތިންވަނައިގައި 30 މެޗުން 67 ޕޮއިންޓު ހޯދައިގެން އޮތީ ސިޓީ އެވެ.
ލީގުގައި މިރޭ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ލިވަޕޫލަށް އަލުން އެއްވަނަ ލިބޭނެ އެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 24 ވަނަ މިނެޓްގައި މާޓިން އޮޑެގާޑް ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. މިއީ އާސެނަލްގެ ކެޕްޓަންކަން ކުރަމުންއަންނަ އޮޑެގާޑް ޕްރިމިއާ ލީގުގައި ޖެހި 30 ވަނަ ގޯލެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލުން ދެވަނަ ގޯލު ކާމިޔާބު ކުރިއިރު، މި ގޯލަކީ ލޫޓަންގެ ހަޝިއޯކާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ސިޓީން ރޭ އެސްޓަންވިލާއާ ދެކޮޅަށް ނިކުތް މެޗުގައި އެޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އާލިން ހާލަންޑް އާއި ކެޑިން ޑި ބްރޭނާ ކުޅެފައެއް ނުވެ އެވެ. އެ ދެ ކުޅުންތެރިން ނެތި ކުޅުނު މެޗުގައި ސިޓީގެ ތަރިއަކަށް ވީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން ގެންދާ ފިލް ފޮޑެން އެވެ.