އައްޑޫ އާއި ކޫއްޑޫއާ ދެމެދު ވައިގެ ސީދާ ދަތުރުތައް އޮކްޓޫބަރު 29 ގައި ފަށަނީް މޯލްޑިވިއަން އިން ނިންމައިފިއެވެ.
މޯލްޑިވިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫ ސިޓީން ކޫއްޑު އެއާޕޯޓަށް ހަފުތާއަކު ދެ ދަތުރު ކުރާނެ ކަމަށާއި، އައްޑޫއިން ކޫއްޑޫއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ ދުވަހުގެ މެންދުރު 11:55 ގައި އަދި ކޫއްޑޫއިން އައްޑޫއަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:30 ގައި ކަމަށެވެ.
އައްޑޫ އާއި ކޫއްޑޫއާ ދެމެދު ދަތުރުތައް ފެށުމަކީ ދިވެހީންގެ އިތުރުން ފަތުރުވެރިންނަށް ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުފަތުރު ކުރުމުގައި ލުއި ފަސޭހަކަން ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން މި ދަތުރުތަކާއެކު ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ހުވަދުއަތޮޅަށް ދަތުރުތައް ކުރެވޭނެ މަގުފަހިވެގެން ދާނެ ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.