ނައިބު ރައީސުންނަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅު ކަމަށްވާ ހިލާލީގެ އަށް މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބަދަލުވެވަޑައިގެންފިއެވެ.
ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގަތީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. 17 ނޮވެންބަރު 2023 ގައި މަގާމާއި ހަވާލުވެޑައިގެން ނެވުމަށްފަހު ހިލާލީގެއަށް ދިރިއުޅުން ބަދަލުނުކުރައްވައި އެމަނިކުފާނު ހުންނެވީ ހިލާލީގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާތީއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން މީގެ ކުރިން ސުވާލުކުރުމުން ނައިބު ރައީސް ވިދާޅުވީ، އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ހިލާލީގެ އަށް ބަދަލުވެވަޑައިގަތުން ލަސްވީ އެ ގެކޮޅު މަރާމާތުކުރަން ޖެހިފައިވާތީ އެ ކަމަށް ވަގުތު ދެއްވަން ޖެހިވަޑައިގަތުމުން ކަމަށާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ގެކޮޅުގައި އުޅުއްވިއިރު ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.
އެހެންވެ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ނައިބު ރައީސާއި އާއިލާ ދިރިއުޅުއްވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރު އުޅުއްވި ގޭގައެވެ.
މީގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް ރައީސުން ދިރިއުޅުއްވުމަށް ޚާއްސަކޮށްފައިވާ މުލިއާގެއަށް ދިރިއުޅުން ބަދަލު ކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މުލިއާގެ ވެސް ވަނީ މަރާމާތުކޮށްފައެވެ.