އިންޑިއާއިން އަބަދުވެސް އަވަށްޓެރި ގައުމުތަކަށް އިސްކަން ދޭނެކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުވިދާޅުވެއްޖެއެވެ.
ޖައިޝަންކަރު މިހެން ވިދާޅުވީ، އިންޑިއާއިން ޒަރޫރީ މުދާ އެތެރެކުރެވޭ ގޮތަށް ކޯޓާ އާކުރުމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޖައިޝަންކަރަށް ޝުކުރު އަދާކުރެއްވުމުން، އެކަމަށް މަރުހަބާ ކިޔުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ހަގީގަތުގައިވެސް ދިގުދެމިގެންދާ އެކުވެރިކަމާއި، ދެޤައުމުގެ މެދުގައި ވިޔަފާރި އިތުރަށްފުޅާކުރުމުގެ ވަރުގަދަ ވަޢުދު ދައްކުވައިދޭ އިޝާރާތެއް ކަމަށެވެ.
މިނިސްޓަރަށް މަރުޚަބާ ދަންނަވައި ޑރ. ޖައިޝަންކަރު ވިދާޅުވީ އިންޑިއާއިން އަބަދުވެސް އަވަށްޓެރި ގައުމުތަކަށް އިސްކަން ދޭނެކަމަށާއި، އަދި އިންޑިއާކަނޑުގެ ސަރަހައްދީ ސަލަމަތާއި، ކުރިއެރުން ދަމަހައްޓުމަށް މަސައްކަތްކުރާ ޕޮލިސީ އަށް އަބަދުވެސް އަމަލު ކުރާނެ ކަމަށެވެ.
އިއްޔެ އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާ އެ ގައުމުގެ ސަރުކާރުން އިތުރު ކޮށްދީފައި ވާއިރު ،
ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް އިންޑިއާއިން ބޮޑު ކޮށްދީފައިވެއެވެ.
ހިލަ/ހިލަވެލީގެ ކޯޓާ 1 މިލިއަން މެޓްރިކް ޓަނަށް އަދި ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކާއި (ހަނޑޫ، ހަކުރު، ފުށް) މުގުގެ ކޯޓާ ވަނީ 5 ޕަސެންޓު އިތުރުކޮށްދީފައެވެ.
މި ކޯޓާތައް އިތުރު ކޮށްދީފައިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ.