ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލު ކުރަން ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރާނީ 1347 ގޯތި ކަމަށެވެ. އެއީ 1250 އަކަފޫޓުގެ 193 ގޯއްޗާއި 1650 އަކަފޫޓުގެ 663 ގޯއްޗާއި 2050 އަކަަފޫޓުގެ 487 ގޯއްޗާއި 2450 އަކަފޫޓުގެ ހަތަރު ގޯތި ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުން ކުރިއަށްގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށަނާޅާ ކަމަށާއި، ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން، ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭ ކަމަށެވެ.
އެހެންކަމުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލު ކުރަން ނިންމީ ކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލު ކުރަން ބޭނުންވާ މީހުން އެކަމަށް އެދި 7 އޭޕްރީލް 2024ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00ން 14 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 23:00ގެ ނިޔަލަށް ހުށަހެ:ޅުމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި އެ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންކަމަށްވެސް ވަނީ ބުނެފައެވެ.