ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަކީ މައިންބަފައިންގެ ހައްގުގައި އޭނާ އުފެއްދެވި ޕާޓީއެއް ކަމަށް ރައީސް ޔާމީންގެ ދަރިކަލުން، ޒޭން ޔާމީން ވިދާޅުވެއްޖެއެވެ.
ޒޭން ވިދާޅުވީ ޕީއެންއެފް އުފެއްދެވީ ބައްޕާފުޅު ރައީސް ޔާމީނަށް އަނިޔާ ލިބެމުންދާތީ ކަމަށާއި އެކަން އެންމެހާ ރައްޔިތުންގެ ސަމާލުކަމަށް ދަންނަވާ ކަމަށެވެ. ޒޭން މިފަދައިން ވިދާޅުވެފައި ވަނީ ޕީއެންއެފް އަކީ ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އުފެއްދެވި ޕާޓީއެއް ކަމަށްބުނެ މީސްމީޑިއާގައި ޢާއްމުންގެ މީހަކު ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުުރާ މުއްދަތު ހަމަވާން ދެ ދުވަހަށްވެފައިވަނިކޮށް ޕީއެންއެފްއިން 3070 ފޯމު އީސީއަށް ހުށަހެޅީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދައަކަށް އެދި އީސީއަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހު ކަމަށްވާއިރު އީސީއިން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ އެ މަހުގެ 29 ވަނަ ދުވަހެވެ.
ޕާޓީގެ މުއައްސިސްގެ ގޮތުގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން 8 ބޭފުޅުން ވަނީ ހަމަޖައްސާފައެވެ. އެއީ ޔާމީންގެ އިތުރުން ޑރ. މުހައްމަދު ޖަމީލު އަހުމަދު, ކުރީގެ ސީޕީ ހުސައިން ވަހީދު, މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ, އަދްލީ އިސްމާއީލް، ޑރ. ޖިހާދު ހަސަން، ކަކާގޭ އަލީ އާދަމް އަދި ޔާމީންގެ ދަރިކަލުން ޒެއިންއެވެ.