27 ވިލޭރޭ މައްކާގެ ހަރަމްފުޅަށް 2.5 މިލިއަން މީހުން އަޅުކަން ކުރަން ޖަމާވެ ހަރަމްފުޅު ވަށައިގެންވާ ސަރަހައްދުގެ މަގުތަކަށް ދަންދެން ރޭ ފުރިއްޖެއެވެ.
ރޭގެ އިޝާ ނަމާދާއި ތަރާވީހް އަދި ދަމުނަމާދަށް ހަރަމްފުޅަށް ދިޔަ މީހުންގެ އަދަދު 2.5 މިލިއަނަށް އަރާކަމަށް ސައުދީގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިގޮތުން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހަރަމްފުޅުގައި ތަވާފް ކުރުމަށް އޮންނަ މަތާފް ސަރަހައްދާއި ހުރިހާ ފަންގިފިލާތަކާއި ޓެރަސްތަކާއި ކޯޓްޔާޑާއި ބޭސްމަންޓާއި ހަރަމްފުޅު ސަރަހައްދަށް މިހާރު އިތުރުކުރަމުން ގެންދާ ބައި ވެސް ވަނީ ފުރިފައެވެ.
ހަރަމްފުޅުގެ އިމާމް ޝައިޚް ޑރ. އަބްދުއްރަހްމާން އާލް ސުދައިސް ވިދާޅުވީ ރޭގެ އަޅުކަމަށް މިހާ ގިނަ އަދަދެއްގެ ބަޔަކު ޖަމާވި ނަމަވެސް ރައްކާތެރިކަމާ އެކު ހުރިހާ ކަމެއް ކުރިއަށްދިޔަ ކަމަށާއި އިންތިޒާމްތައް ހުރީ ވަރަށް ރަނގަޅަށް ކަމަށެވެ.
ފަހު 10 ގައި ހަރަމްފުޅަށް އަޅުކަމަށްދާ މީހުންނާއި އުމްރާވެރިން ގިނަވާނެތީ މިފަހަރު ވަނީ ހަރަމްފުޅު ސަރަހައްދުގައި އެކި މަސައްކަތްތަކަށް އިތުރު މުވައްޒަފުން ހަމަޖެއްސުމާ އެކު ޓެކްނޮލޮޖީ ބޭނުންކުރުން ވެސް ވަނީ އިތުރުކޮށްފަ އެވެ.