ރިޔާސީ އިންތިހާބުގައި ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާ ފުރިހަމަވާނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރު ކޯލިޝަނުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ހުރިހާ އަމާޒެއް ހުރީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށާއި އެކަން ކުރުމަށް މަޖިލިސް ބޭނުންވާނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ފުރަތަމަ މަރުހަލާގައި ކާމިޔާބުކުރި ރިޔާސީ އިންތިހާބުގެ ފުރިހަމަ ނަތީޖާ ހާސިލުކުރެވޭނީ ދެވަނަ މަރުހަލާ ކަމުގައިވާ ސަރުކާރަށް އެއްބާރުލުންދޭނެ ރައްޔިތުންގެ މަޖިލީހަކާއެކު ކަމަށެވެ.
ފުރިހަމަ ނަތީޖާއާ ހަމައަށް ގެންދެވޭނީ އޭގެ ދެވަނަ މަރުހަލާކަމުގައިވާ ސަރުކާރަށް އެންމެ މުހިންމު އެއްބާރުލުމެއް ދެވޭނެ އަދި ދޭން ޖެހޭނެ ތަނެއްގެ ގޮތުގައި ގާނޫނީ ގޮތުންވެސް އޮތް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައްވެސް ހަމަ މި ދެންނެވި ވިސްނުމުގައި ތިބި ބަޔަކު ހޮވައިގެން،– ރައީސް
މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުހިންމު މަސައްކަތްތަކަކާއި ނިންމުންތަކެއް ނިންމަންޖެހޭ ތަނެއްކަމަށާއި އެގޮތުން ގާނޫނުތައް ހެދުމާއި، އިސްލާހުކުރުމާއި ބަޖެޓް ފާސްކުރުންފަދަ ކަންކަމަކީ ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ނަތީޖާ ނެރުމަށް މުހިންމު ކަންތައްތަކެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.