އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެއެވެ.
އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓެއްގައި ވަނީ، މި އަމަލަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާއި އެ އަމަލު ކުށްވެރި ކުރާކަމަށެވެ. މީގެއިތުރުން މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ އަށް ލިބިފައިވާ ބިރުވެރިކަމާއި ނަފުސާނީ ގެއްލުމަކީ އުމުރުދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއްކަން ދަނެ، އެކަމާ މެދުގައި އެ އާއިލާއިން ހިތާމަކުރާ ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.
އާއިލާއިން ބުނީ، އާއިލާގެ ފަރާތުން ޕޯސްޓު ޖަހަން މެދުވެރިވީ އަނިޔާ ލިބުނު ކުއްޖާއަށް މަރުގެ އިންޒާރުދީ އާއިލާގެ ފަރާތަކުން ކުރި ކޮމެންޓެއްގެ ސްކްރީންޝޮޓް ސޯޝަލް މީޑިއާގައި އާންމުވުމުން ކަމަށެވެ. މި ކޮމެންޓުގެ ސަބަބުން މުޖުތަމައުއަށް އެ އާއިލާ ސިފަވަނީ ހަނގުރާމަ ކުރުމަށް ހިތްވަރުދޭ އާއިލާއެއްގެ ގޮތުގައި ނަމަވެސް، މީ މި މައްސަލައިގައި އާއިލާއިން ދެކޭގޮތް ނޫންކަމަށް އާއިލާއިން ބުނެފައި ވެއެވެ.
މި ކުއްޖާއަށް ބުލީކޮށް އަނިޔާކުރާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި މިދިޔަ ހުކުރު ދުވަހު ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި އެ ކުއްޖާގައިގައި ތަޅާ އަނިޔާކޮށް ކުއްޖާ ހިފައިގެން ހުރި ފެންފުޅިއެއް ކުއްޖާގެ ބޮލަށް އަޅާލައެވެ.
މި އަނިޔާކުރުމުގައި ބައިވެރިވީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އަނިޔާ ލިބުނު ކުއްޖާ އަކީ އއ. މަތިވެރީގެ ކުއްޖެކެވެ. ރަސްދު އަށް އެ ކުއްޖާ ދިޔައީ އާއިލާ އެކު ޗުއްޓީ އަށެވެ.
މީގެއިތުރުން އާއިލާގެ ފަރާތުން ނެރުނު ޕޯސްޓުގައި ވަނީ، އޭނާގެ ކުށަށް އަދަބު ލިބެން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި އެކަން ކުރުމަށް އާއިލާއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އޭނާ ރަނގަޅުކޮށް މުޖުތަމައުއަށް ނެރުމަށް ވެސް އެއްބާރުލުން ދޭނެ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.