މެޑިކަލް ޓޫރިޒަމާ އެކު މެންޓަލް ހޮސްޕިޓަލެއް ލ. ގަމުގައި ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ލާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގަމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ ގަމުގައި ޓާޝިއަރީ ފެންވަރަށް ހަތަރު ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށާއި އެ ހޮސްޕިޓަލްތައް ތަރައްގީ ކުރާނީ އެންމެ މަތީ ފެންވަރުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ގަމު ހޮސްޕިޓަލަކީ ސަރުކާރުން އެންމެ މަތީ ފެންވަރުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ އެއް ހޮސްޕިޓަލް ކަމަށާއި އެކަމުގެ އަމަލީ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެއާ އެކީގައި އިންޓަނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް މިތަނުގައި ގާއިމު ކުރަން ވައުދުވިން ރާއްޖޭގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް މިއީ. އަޅާ ނުލެވުމުގެ ސަބަބުން ޒުވާނުން ހާއްސަކޮށް ހަލާކުވެގެން އެބަދޭ. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކީ އޭގެ ތެރެއިން މެޑިކަލް ޓޫރިޒަމާ ގުޅުވާލައިގެން އަޅުގަނޑުމެންގެ ވިސްނުމަކީ އެއާއެކު ތަރައްގީކުރުން،–ރައީސް
ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތުގައި ގަމުގެ ރައްޔިތުން އުންމީދުކުރާ ގޮތަށް ކަންކަން ހާސިލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެކަންކަން މިހާރު ފެށިފައިވާ ކަމަށާއި އެގޮތުން އެންމެ މުހިންމު ކަމަކީ ގެދޮރުވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށްޓަކައި އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ގަމުގައި ހައުސިން މަޝްރޫއުތައް ހިންގާނެ ކަމަށާއި އެގޮތުން މުޅި ރާއްޖޭގައި ހިންގާ ހައުސިން މަޝްރޫއުގެ ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާނީ ގަމުގައި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.