2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާ ގުޅޭ 41 މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ އިއްޔެ ވިދާޅުވެފައިވަނި އެކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް މަޖިލިސް އިންތިހާބާ ގުޅޭ 41 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 38 މައްސަލަ މިހާތަނަށް ބަލައި ނިމިފައިވާ ކަމަށެވެ. އަދި މިހާރު ތިން މައްސަލައެއް ބަލަމުން ދާކަމަށެވެ.
ހަސަން އިތުރަށް ވިދާޅުވީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅިފައިވަނީ 5 ބާވަތެއްގެ މައްސަލަ ކަމަށާއި އޭގެތެރެއިން ރަޖިސްޓްރޭޝަންއާ ގުޅޭ މާއްސަލަތަކާއި ކެންޑިޑެންސީއާ ގުޅޭ މައްސަލަތައް ބަލާ ނިމިފައިކަމަށެވެ. އަދި ވޯޓުލުމުގެ ހައްގާއި ގުޅޭގޮތުން ހުށަހަޅާފައިވާ 26 މައްސަލައިގެ ތެރެއިން 25 މައްސަލަ ނިންމައި، އެއް މައްސަލަ ބަލަމުންދާ ކަމަށާއި ކެމްޕޭން ކުރުމާގުޅޭގޮތުން ހުށަހެޅިފައިވާ 5 މައްސަލައިގެ ތެރެއިން 4 މައްސަލަ ނިންމައި، އެއް މައްސަލަ ބަލަމުންދާކަމަށްވެސް ހަސަން ވިދާޅުވިއެވެ. އަދި މީގެ އިތުރުން އިންތިޚާބީ މުވައްޒަފުންނާއިބެހޭ 2 މައްސަލައިގެ ތެރެއިން 1 މައްސަލަ ބަލައި ނިންމާފައިވާކަމަށާއި 1 މައްސަލަ މިހާރުވެސް ބަލަމުންދާކަމަށް ހަސަން ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރީލް 21 ވާ އާދީއްތަދުވަހުގައިއެވެ.