ވޯޓު ގަތުމާއި އިންތިހާބީ ފައިދާއަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން އާންމުވެފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީގެ ޕްރީ-އިލެކްޝަން އެސެސްމަންޓް 2024 އިން ދައްކާ ގޮތުގައި އެ ދިރާސާގައި ބައިވެރިވި ހުރިހާ ކެންޑިޑޭޓުން ވެސް މަޖިލިސް އިންތިހާބުގައި ވޯޓު ގަތުމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އެ ޖަމިއްޔާގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.
ވޯޓު ގަތުމަކީ މީގެކުރިން ވެސް ފާހަގަ ކުރެވުނު ބޮޑު މައްސަލައެއްކަން ފާހަގަކޮށް ޓްރާންސްޕޭރެންސީއިން ބުނީ އިންޓަވިއު ކުރި ބައެއް ކެންޑިޑޭޓުން، ވޯޓުލާ މީހުން ސީދާ އެމީހުންގެ ވޯޓުގެ ބަދަލުގައި ފައިސާ އަދި އެހެނިހެން އިނާޔާތްތައް އެދިފައިވާކަން ފާހަގަކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް ވޯޓު ގަތުން މޮނިޓާ ނުކުރެވުމާއި އަވަސް އަދި ކާމިޔާބު ތަހުގީގެއް ކުރިއަށް ނުގެންދުމުގެ އިތުރުން ގާނޫނުތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމަކީ މިކަން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފައިވަނީ އިންތިހާބާ ދިމާކޮށް ސަރުކާރުން މަޝްރޫއުތައް އިއުލާނު ކުރުމާއި މަޝްރޫއުތަކުގެ ނިންމުން ފާހަގަ ކުރުން އާންމުވެފައިވާ ކަމަށާއި، އަދި އިންތިހާބީ ފައިދާއަށް ދައުލަތް ހިއްސާވާ ކުންފުނިތައް ބޭނުން ކުރާ ކަމަށާއި ދައުލަތުގެ ވަސީލަތްތައް އަމިއްލަ ފައިދާއަށް ބޭނުންކުރުން ގާނޫނުގައި މަނާކޮށްފައިވާއިރު، އެކަމުގައި ބައިވެރިވާ ފަރާތައް ޒިންމާދާރު ކުރުމަށް ގާނޫނީ ހުސްކަމެއް އޮތްކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.
ޓްރާންސްޕޭރެންސީއިން އިތުރަށް ފާހަގަ ކުރީ ރައްޔިތުން ފުރިހަމައަށް ތަމްސީލު ނުކުރެވުމާއި ގުޅުން ހުރި މައްސަލަތަކެވެ. އެގޮތުން ދާއިމީ އެޑްރެސްއަށް ބަލައި، ދާއިރާތަކަށް ވޯޓުލާ މީހުން ކަނޑައެޅުމުގެ ސަބަބުން، އާންމު ދިރިއުޅުން ބިނާވެފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކަށް ވޯޓުލާ އެތައް ހާސް ފަރާތްތަކެއް އެބަތިކަމަށް ޓްރާންސްޕޭރެންސީ އިން ބުނެއެވެ.